16 May 2011, 08:13
ޤާހިރާ: ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް މިސްރުގެ ވަގުތީ ސަރުކާރުގެ ޚާރިޖީ ވަޒީރު ޑރ. ނަބީލުލް ޢަރަބީ އިންތިޚާބު ކޮށްފި އެވެ. މިމަޤާމަށް ނަބީލު އިންތިޚާބު ކުރެވުނީ ޤަތަރުގެ ފަރާތުން މި މަޤާމަށް ވާދަކުރި ކެންޑިޑޭޓް ޢަބްދުއްރަހްމާން އަލްޢަތިއްޔާ އާއި މިސްރުން މި މަޤާމަށް ކުރިން ހުށަހެޅި ކެންޑިޑޭޓް މުސްތަފާ އަލްފައްޤީގެ ނަަން މިދެޤައުމުން އަނބުރައި ގެންދިޔުމުންނެވެ.
ޑރ. ނަބީލަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ރޮނގުން ޕީއެޗްޑީ ޙާސިލް ކުރެއްވުމަށްފަހު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައާއި ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ބައިނަލްއަޤްވާމީ އެތަށް މުއައްސަސާއެއްގެ އެންމެ މަތީ ހަރުފަތްތަކުގައި މަސައްކަތްކުރައްވައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާނޫނީ ތަޖްރިބާކާރެކެވެ.
މީގެިއތުރުން މިސްރުގެ އެކި ސަރުކާރުތަކުގައި ވެސް މަތީފެންވަރުގެ ޑިޕްލޮމެޓިކް މަޤާމުތައް އޭނާ ފުރުއްވާފައިވެ އެވެ. ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމުގެ ދެ ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ޑރ. ޢަމްރު މޫސާގެ ދެވަނަ ދައުރުގެ މުއްދަތު ހަމަވާނީ މިމަހުގެ ފަހުކޮޅުގަ އެވެ.
ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް މިސްރުގެ ޚާރިޖީ ވަޒީރު ނަބީލުލް ޢަރަބީ އިންތިޚާބު ކުރެވުނީ މި މަޤާމް ހޯދުމަށް ޤަތަރާއި މިސްރާ ދެމެދުގައި އޮތް ވާދަވެރިކަން އެ ދެޤައުމުން ސުލްޙަވެރިކަމާއެކު ހައްލުކުރުމާ ގުޅިގެންނެވެ. -- އަލްޖަޒީރާ