04 Jun 2016, 21:49
މާލޭގައި ހިންގި ދެ މާރާމާރީއެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރުވެ މާލެތެރެ ހަލަބޮލިވުމާ ގުޅިގެން ފުލުހުން މާލެތެރެ ބަލަހައްޓަން ރޭ ނުކުތުމާއެކު ސިފައިން ވެސް މާލެ ތެރެ ބަލަހައްޓަން ނުކުމެއްޖެ އެވެ.
ރޭ ހިނގި ދެ މާރާމާރީގައި މަރުވެފައި ވަނީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާމާއި މ. ސަރުމާގެ، ފާތިރު މުހައްމަދު އެވެ. އެ ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް ރޭ ފުލުހުން ހިނގި އޮޕްރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު އަދުނާނު މުހައްމަދު "ސަން"އަށް ވިދާޅުވީ މާލެތެރޭގެ ހާލަތު ބެލުމަށް ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި އެއީ ފުލުހުންނާ އެކު ނޫން ކަމަށް އަދުނާނު ވިދާޅުވި އެވެ. "ކުރިއަށް އޮތްތަނުގައި ވެސް މާލެތެރެ ބަލަހައްޓަން ސިފައިން ފެނިދާނެ" ކަމަށް އަދުނާނު ވިދާޅުވި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ ސިފައިންގެ އެހީތެރިކަމަށް ފުލުހުން އެދިފައި ނުވާނެ ކަމަށެވެ.
މާލެ ތެރެ ބެލެހެއްޓުމަށް ފުލުހުން ހިންގާ ހަރަކާތްތަކާ ސިފައިން ގުޅެނީ ސިފައިންގެ އެހީތެރިކަމަށް އެދުމުންނެވެ. ނަމަވެސް މާލޭގައި ހިންގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މާލެ ތެރެ ބެލެއްޓުމަށް ފުލުހުންނާއެކު ސިފައިން ނުކުތީ ކީއްވެ ކަމެއް ނޭނގެ އެވެ.
ރެއިން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަން މިރޭ ވެސް ކުރިއަށްދާއިރު މިރޭ ފުލުހުންގެ އޮޕަރޭޝަނުގައި ކުއްތާ ދަނީ ބޭނުން ކުރަމުންނެވެ. ފުލުހުންގެ މީޑިއާއިން ބުނި ގޮތުން ތަންތަން ބަލައި ފާސްކުރުމުގައި ފުލުހުންގެ އޮޕަރޭޝަންތަކުގައި ކުއްތާ ގެންގުޅޭނެ އެވެ.
މިރޭ ހަތެއްޖަހާ އެހާއިރު އަލިކިލޭގެފާނު ސަރަހައްދުގައި ވެސް ގިނަ އަަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރިވެފަ އެވެ.
ރޭ ހިނގި މާރާމާރީގައި އެއް ކުއްޖަކު މަރުވެފައި ވަނީ، އިއްޔެ ހަވީރު 5:45 ހާއިރު ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގައި ހިންގި ގޭންގު މާރާމާރީއެއްގައި އެކުއްޖާގެ ކަރަށް ވަޅިހެރުމުގެ ސަބަބުން، ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ.
ދެވަނަ ކުއްޖާ މަރުވެފައި ވަނީ ރޭ 22:05 ކަންހާއިރު މ. ޝަރުމާގޭ ތެރޭގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔަ ފަހުންނެވެ.