05 Jun 2016, 09:03
އަބަދު އަމުރުކުރުމެވެ. ނޫނީ ބެވުމެވެ. ނޭނގޭ ކަމެއް ނޯންނާނެ އެވެ. އަދި ނުބެހޭ ކަމެއްވެސް ނޯންނާނެ އެވެ. ދެއްކުންތެރިކަން އެހާބޮޑުވާނެ އެވެ. ލިބޭ ކޮންމެ ކާމިޔާބީއެއް އެއީ އޭނާގެ ފަރާތުން ވާކަންކަމަށް އެހެން މީހުންނަށް ދައްކާނެ އެވެ. އެހާމެ ޝަކުވާ ބޮޑުވެފައި އުނދަގޫކުރާނެ އެވެ. މިއީ ބައެއް މީހުންގެ އާދައެކެވެ.
އިސްވެ މިފާހަގަކުރި ސިފަތައް ކިޔާލުމުން ތީގެން ކޮންމެ ބޭފުޅެއްގެ ހިތައްވެސް ކޮންމެވެސް މީހެއް ނުވަތަ ބައެއްގެ އެބަ ސިފަވޭދެއްތޯ؟ އާދެ މިއީ ރާއްޖޭގައި ވަރަށް ގިނަ ވައްތަރެއްގެބައެކެވެ. މަސައްކަތްކުރާ އޮފީސްތަކުން ފެށިގެންގޮސް ދިރިއުޅޭ ގޭގައި އެފަދަ ފަރާތްތައް އުޅެ އެވެ. އެއީ ހަމަ އެމީހުންގެ ކިބާގައި ހުންނަ ސިފައެއްކަމަށް އެކަނި ގަބޫލްކޮށްގެން ވާކަށްނެތެވެ. އެނގޭހެއްޔެވެ. މަވަރެއްނެތިގެން އުޅުމަކީ ނަފްސާނީ ބައްޔެކެވެ.
ނާސަސިސްޓިކްޕާސަނަލްޓީ ޑިސްއޯޑާ
އެއީ ތިމާގެ އާރާއި ބަރާއި ޖާހަތު ބޭނުންކޮށްގެން އެހެން މީހުންނާ މެދު އަމަލު ކުރަމުންދާ މީހުންނެވެ. އެފަދަ މީހުން އަނެކާއާ މެދު ހަމްދަރުދީއެއް ނުހުރެ އެވެ. ކިޔަން ބޭނުން އެއްޗެއް ކިޔާނެ އެވެ. ކުރަން ބޭނުން ކަމެއް އެއީ އަނެކާގެ ދިރިއުޅުމަށް ކިތަންމެ ބޮޑު ދެރައެއްވިޔަސް އެކަންކުރާނެ އެވެ. އެއާއެކު ތިމާގެ މޮޅުކަން ދައްކާނެ އެވެ. އަނެކާވާނެ ދެރައަކަށް ވިސްނައި ފިކުރެއްނުކުރާނެ އެވެ. އެސިފަތައް ހުންނަ މީހުންނަށް ނަފްސާނީ އިލްމުވެރިން ކިޔަނީ ނާސަސިސްޓިކް ޕާސަނަލްޓީ ޑިސްއޯޑާ ޖެހިފައިވާ ފަރާތްތައް ކަމަށެވެ.
ނަފްސާނީ ބަލީގެ ދިރާސާތަކުން ދައްކާ ގޮތުގައި އެބަލި ޖެހިފައިވާ ފަރާތްތަކުން ތިމާއަކީ އެންމެ ކަންކަން އެނގޭ މީހާ ކަމަށާއި އެންމެ އިސް އަދި އަމުރުމައުރޫފް ހިންގާނެ މީހަކީ އޭނާއެކަނި ކަމަށް އަމިއްލެއިން ގަބޫލްކުރެ އެވެ. ތިމާއަކީ އެންމެ މޮޅުމީހާ އަދި އެންމެ ކަންކަން އެނގޭ މީހާ ކަމަށް ގަބޫލްކޮށް އެހެން މީހުންނަކީ ދަށް ބަޔަކަށް ހަދާނެ އެވެ. ތިމާ ނޫން މީހާއަށް ރަނގަޅުގޮތް ނޭނގޭކަމަށް ގަބޫލްކޮށް މަލާމާތްކުރާ ފާޑަށް އާންމުކޮށް މީހުންނާ ވާހަކަ ދައްކާނެއެވެ. ހަމައެހެންމެ އެހެންމީހުންގެ ފަރާތުން ފައިދާނަގަން އަބަދުހެން މަސައްކަތްކުރާނެ އެވެ.
އެމީހުން ގަބޫލްކުރާގޮތުގައި އޭނާއަކީ ވަރަށް މުހިންމު މީހެކެވެ. ތަނަކުން ހިދުމަތެއް ހޯދަން ދިޔަސް ނޫނީ މީހަކު އެއްޗެއް ދިނަސް އޭނާއަށް ހާއްސަ އުސޫލަކުން ކަންކަން ވާންޖެހޭނެ ކަމަށް ގަބޫލްކުރާނެ އެވެ. އެހެން މީހުން ކަންކުރާ އުސޫލުން އޭނާއިމެދުކަންވުމުން ގަބޫލެއް ނުކުރާނެ އެވެ.
އެފަދަ މީހުންގެ ހުންނަ އެހެން ބައެއް ސިފަތަކުގެ ތެރޭގައި ތިމާއަކީ އެންމެ ރީތި އަދި އެންމެ ރީތިކޮށް ހެދުންއަޅާ ދިރިއުޅޭ މީހާކަމަށް ދެކޭނެ އެވެ. އަދި އެހެން މީހުންގެ އެފަދަ ކަންކަމަށް ފާޑުކިޔާނެ އެވެ. ހަމައެއާ އެކު ތިމާގެ ލޯބިވެރިޔާއަކީ އެންމެ ފުރިހަމަ މީހާކަމަށް ގަބޫލްކޮށް އެހެން މީހުންނަށް އެކަން ދަށްކަން ވަރަށް މަސައްކަތްކުރާނެ އެވެ.
"އެއީ އެމީހުން އާދައިގެ މަތިން އުޅޭ އުޅުމެއް ނޫން، އެއީ އެމީހުންގެ ކިބާގައި ހުންނަ ޑިސްއޯޑާއެއް ހަމަ. އެކަހަލަ މީހަކު ޖައްސާލައިފި މީހަކަށް ވަރަށް އުނގަދޫވާނެ އުޅެން، ނޫނީ މަސައްކަތް ކުރަން ވެސް." އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓަރު އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވި އެވެ.
"އެމީހުން އަބަދުހެން އުޅޭނީ އަމިއްލަ ހިޔާލުތެރެއިން ދުނިޔެއިން ހަދައިގެން އޭގެ އެންމެ ބޮޑުމީހާއޭ އޭނައަކީ ކަމަށް ގަބޫލްކޮށްގެން، ވަރަށް ގިނަވާނެ މީގެ މީހުން."
މޮޅުކަން ދެއްކިޔަސް ހަގީގަތީ އެއީ ވަރަށް ދަށްބައެއްކަން
ތިމާއަކީ އެންމެ މޮޅުމީހާކަން މީހުންނަށް ދަށްކައި ތިމާވަރެއްނެތިގެން އެފަދަ މީހުން އުޅުނުނަމަވެސް ނަފްސާނީ ދިރާސާތަކުން ދަށްކާގޮތުގައި އެފަދަ މީހުންނަކީ އަމިއްލަ ނަފްސް ކޮންޓުރޯލް ކުރުމަށް ނުކުޅެދޭ ބައެކެވެ. ހިތްހަމަ ނުޖެހޭ ނުވަތަ ހިތްދަތިވާ ކުޑަކަމެއް ދިމާވިޔަސް އެކަން ބޮޑުކޮށްލައިގެން އެކަމާ ކެތްނުވެގެން އުޅޭ އެވެ. އެފަދަ މީހުން ވަރަށް އަވަހަށް މާޔޫސްވެ އަމިއްލެއިން މަރުވަން މަސައްކަތްކުރެއެވެ.
"ހަގީގަތުގައި އެފަދަ މީހުން ވަރަށް ޑިޕްރެސްވާނެ، އެކަމަކު އެކަމެއް ނުދައްކާނެ، އަދި އަމިއްލަ އިން ގަބޫލެއް ވެސް ނުކުރާނެ، ރަނގަޅުކުރާކަށް ވެސް ނޫޅޭނެ،" ސައުދާ ވިދާޅުވި އެވެ.
އެފަދަ މީހުންގެ ކިބާގައި އެހުންނަ ބޮޑާ ނުވަތަ އަމުރުވެރިސިފައިގެ ސަބަބުން އެހެން މީހުންނާއި ގާތްގުޅުން ބޭއްވުމަށް ނުވަތަ ލޯބިވެރިން ގެންގުޅުމަށް ދަތިތަކާ ކުރިމަތިވެ އެވެ. ގިނަ ފަހަރަށް އެފަދަ މީހުން ވަނީ ކިތަންމެ ކައިރި އުޅުނަސް ގިނަ ބަޔަކު ފޫހިވާބައެއްގެ ގޮތުގަ އެވެ.
އެމީހުންނަށް ފަރުވާކުރޭ!
އެއީ ބައްޔެއް ނަމަވެސް ވަރަށް މަދުން ނޫނީ އަމިއްލައަށް "ބޮސީ" ވެވެނީކަމަށް ގަބޫލްކޮށް ފަރުވާ ހޯދަން ނުދެ އެވެ. ގިނަ ފަހަރަށް އެކަހަލަ މީހުން ސައިކޭޓިސްޓުންގެ އަތުގައިޖެހެނީ ނަފްސާނީ އެހެން ބައްޔަކަށް ފަރުވާހޯދަން އަންނަ ހިސާބުންނެވެ. އޭގެ ތެރޭގައި ރުޅިގަދަވުމުގެ މައްސަލައާއި އަމިއްލައިން މަރުވާން ބޭނުންވެގެން އައުމެވެ.
އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ނަފްސާނީ ޑޮކްޓަރު ޑރ. ބައްޝާރު އަބްދުﷲ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ރާއްޖެއިން ވެސް ފާހަގަވާ ކަމަށާއި ނަމަވެސް ފަރުވާ ހޯދުމަށް އަންނަނީ ވަރަށް މަދުބައެއް ކަމަށެވެ.
"ވަރަށް މަދުން ފަރުވާއަށް އަންނަނީ އަހަރަކު މީހަކުވަރު އަންނަނީ." ޑރ. ބައްޝާރު ވިދާޅުވި އެވެ.
އެފަދަ ބަލިތަކަކީ އޭނާގެ ހަށީގައި ހިފާފައި ހުންނަ ކަންތައްތަކެވެ. ނަފްސާނީ އިލްމުވެރިން ބުނާ ގޮތުގައި އެފަދަ ކަންކަން ދުއްވާލަން ވަރަށް އުނދަގޫވާނެ އެވެ. އަދި އެކަމަށް ވަރަށް ދުވަސް ނަގާނެ އެވެ. އެފަދަ މީހުންނަށް ނަފްސާނީ ބައްޔަށް ފަރުވާ ކުރާފަރާތްތަކުން ތަފާތު ފަރުވާތައްދެ އެވެ.
ސައުދާ އަދި ޑރ. ބައްޝާރު ވެސް ވިދާޅުވި ގޮތުގައި އެފަދަ ފަރާތްތަކަށް ދޭ ތެރަޕީތަކުގެ ތެރޭގައި ސައިކޯ ތެރަޕީގެ އިތުރުން ބޭސް ވެސްހިމެނެ އެވެ. އެންމެ ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅަކީ ތިމާޔަށް ބައްޔެއްޖެހިފައިވާކަން ގަބޫލް ކުރުމެވެ.
"މިފަދަ މީހުންނަށް ވިސްނައިދެވޭނީ ވަރަށް އުނދަގުލުން، ވަރަށް އުނދަގުލުން ދެވޭނީ އެކަމަކު ވިސްނައިދީގެން މިމީހުން ދެތަރީޕީއާއި ހިސާބަށް ގެނެވިއްޖެއްޔާމު ފަރުވާދޭން ފަސޭހަ ވާނެ." ސައުދާ ވިދާޅުވި އެވެ.
ކޮންމެ އަކަސް މިއީ މި ރާއްޖޭގައި ވަރަށް ގިނަ ބައެކެވެ. އެންމެ ގިނައިން މިކަހަލަ މީހުން ފާހަގަ ކުރެވެނީ އިސްމަގާމުތަކުގަ އެވެ. އެއީ އޭނާ މަތީ މަގާމެއްގައި ހުންނާތީ ހުންނަ ސިފައެއްކަމަށް ގަބޫލްކޮށް ހުއްޓާލެވޭކަށްނެތެވެ. ނަފްސާނީ އިލްމުވެރިން ބުނަނީ އެއީ ބައްޔެއް ކަމަށެވެ. އަވަހަށް ފަރުވާ ކުރާށެވެ.