މިނިވަން މުވައްސަސާތަކުން ތިމާވެށި ހިމާޔަތްކުރުމަށް އިގުރާރެއްގައި ސޮއިކޮށް، ހުޅުމާލޭ ފެހިކުރުމުގެ ގޮތުން އެ އަވަށުގައި ގަސް އިންދައިފި އެވެ.

ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން، "އާރޯ" ގެ ނަމުގައި ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 14 މުއައްސަސާއަކުން ވަނީ ތިމާވެށި ހިމާޔަތްކުރުމަށް ވައުދެވެ، އެކަމަށްޓަކައި އިގްރާރުގައި ސޮއިކޮށްފަ އެވެ. އަދި ގަސް އިންދާފައި ވަނީ ހުޅުމާލޭ އެންމެ ފަހުން ހިއްކި، ފޭސް ޓޫ ނުވަތަ ޔޫތު ސިޓީގަ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލި ޝަމީމް ވިދާޅުވީ، މިއީ ރާއްޖޭގެ މިނިވަން މުއައްސަސާތައް ގުޅިގެން ހިންގާ އިޖްތިމާއީ ފުރަތަމަ ހަރަކާތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިނިވަން މުއައްސަސާތަކުން ގުޅިގެން އިތުރު ހަރަކާތްތައް ހިންގާނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އާރޯގެ ނަމުގައި މިނިވަން މުއައްސަސާތަކުން ކުރިއަށް ހިންގަން ނިންމާފައިވާ އިޖްތިމާއީ ޕްރޮގްރާމްތަކުގެ މަގްސަދަކީ ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ އިޖްތިމާއީ ކަންތައްތަކުގައި ބައިވެރިވެ، ތިމާވެށި ހިމާޔަތްކޮށް ގަސް އިންދާ ރާއްޖެ ފެހިކުރުމަށް ރައްޔިތުން އަހުލުވެރިކުރުވުމެވެ. އަދި މިނިވަން މުއައްސަސާތަކުގެ މެދުގައި އިޖްތިމާއީ ރޫހު ބަދަހިކޮށް ގުޅުން ވަރުގަދަކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއް ސިޓީއަކީ ފެހި އަދި ސާފު ސިޓީއެއްގެ ގޮތުގައި ހެދުމަށް ރާވާފައިވާ ޕްލޭންގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކުރިއަށް ގެންދަމުން ދާ ކަމަށެވެ.

އެގޮތުން، މިހާތަނަށް ހުޅުމާލޭ ދެވަނަ ފޭސްގައި ގަސް އިންދުމުގެ 16 ޕްރޮގްރާމް ހިންގާފައިވާއިރު، މިއަދު ހުޅުމާލޭގައި ހިންގި ހަރަކާތަކީ މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވެގެން ހިންގާ ގަސް އިންދުމުގެ ހަރަކާތް ކަމަށް އޭނާ ވިދާޅުވި އެވެ.

ތިމާވެށި މިނިސްޓަރު ތާރިގް އިބްރާހިމްގެ ވާހަކަފުޅުގައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، މިނިވަން މުވައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނި ޖަމިއްޔާތަކުން ވެސް މަސައްކަތްކުރަންޖެހޭ ކަމަށް ފާހަގަކުރެވި އެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ބިނާވެފައި އޮންނަ ފަތުރުވެރިކަމާ މަސްވެރިކަމުގެ މައްޗަށް ކަމުން، ތިމާވެއްޓަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.