ވަޅިން ހަމަލާދީ އިއްޔެ 14 އަހަރުގެ ދެ ކުއްޖަކު މަރާލާފައި ވަނިކޮށް އިތުރު މީހަކަށް އަނެއްކާވެސް މިއަދު ވަޅިން ހަމަލާދީފި އެވެ.

އައިޖީއެމްއެޗްގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު "ސަން"އަށް ވިދާޅުވީ ޒުވާނެއްގެ ވައަތު ފައިގެ ފަލަމަސްގަނޑަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވާ ކަަމަށާއި އޭނާއަށް އެމެޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ. ޒަހަމްވެފައިވާ މީހާއަށް ފަރުވާދެމުންދަނީ އޮޕަރެޝަން ތިއޭޓަރުގައި ކަމަށް ޒީނާތު ވިދާޅުވި އެވެ.

އެ ޒުވާނާގެ ގަޔަށް ވަޅި ހެރުމުން ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު 3:28 އެހާކަންހާއިރު އެވެ. އެ ޒުވާނާގެ އުމުރަކީ 24 އަހަރެވެ. އޭނާ ހޮސްޕިޓަލަށް ގެނައި ވަޅި ހަރާފައިވާތަނުން ލޭމަނާ ނުވެ އެވެ. ނަމަވެސް އޭނާ އަށް ވާހަކަ ދައްކާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ޒުވާނާއަށް ވަޅިން ހަމަލާދިނީ ކޮން ސަރަހައްދަކުން ކަމެއް އަދި ނޭނގެ އެވެ.

އިއްޔެ ހިނގި ދެ މާރާމާރީގައި މަރުވެފައި ވަނީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާމާއި މ. ސަރުމާގެ، ފާތިރު މުހައްމަދު އެވެ. އެ ހާދިސާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.