04 Jun 2016, 18:57
އެމެރިކާގެ މަޝްހޫރު ޝަހްޝިއްޔަތުންގެ ތެރެއިން އިސްލާމް ދީން ގަބޫލުކުރި މީހުންގެ ލިސްޓުގެ ކުރީގައި ހެވީ ވެއިޓް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ މުހައްމަދު އަލީ ހިމެނެ އެވެ. "ދަ ގުރޭޓެސްޓް" ގެ ވަނަން ދީފައިވާ އަލީ އަކީ އެމެރިކާގެ ކުޅިވަރު މީޑިއާ، ސްޕޯޓްސް އިލުސްޓުރޭޓެޑް އިން ހޮވި "ގަރުނުގެ ކުޅިވަރު ކުޅުންތެރިޔާ" އެވެ. އެހެންކަމުން އޭނާ ނުދަންނަ މީހަކު ދުނިޔޭގައި މަދުވާނެ އެވެ.
އެމެރިކާގެ ލުއީވިލްގެ ކެންޓަކީއަށް 1942 ވަނަ އަހަރު އުފަންވި ކެސިއަސް މާޗެލަސް ކުލޭ، (އިސްލާމް ވުމަށްފަހު މުހައްމަދު އަލީ) ބޮކްސް އިން ކުޅުންފެށީ އުމުރުން އެންމެ 12 އަހަރުގަ އެވެ. އޭރު އޭނާގެ އަމާޒަކަށްވީ އޭނާގެ ބައިންބަފައިންނަށް ކާރެއް ގަނެ ދިނުމެވެ.
މުހައްމަދު އަލީގެ އުމުރުން 20 އަހަރުގައި އޭނާއަކީ އެންމެ ވަރުގަދަ ބޮކްސިން ކުޅުންތެރިޔާ ކަމަށް މީހުން ގަބޫލުކުރި އެވެ. އަދި 1960 ވަނަ އަހަރު ބޭއްވި ރޯމް އޮލިމްޕިކްސްގައި ރަން މެޑަލް ހޯދުމާއެކު އޭނާ ވެގެންދިޔައީ އެމެރިކާގެ ރީތި ފިރިހެނުންގެ ލިސްޓުގައި ފާހަގަކޮށްލެވޭ، ޒުވާން އަންހެން ކުދިން ހިތްކިޔާ ޒުވާނަކަށެވެ.
ބޮކްސިން ލެޖެންޑެއްގެ ގޮތުގައި އަލީ މަޝްހޫރު ވެގެންދިޔައީ، 1960 ވަނަ އަހަރު އެމެރިކާގެ މަޝްހޫރު ބޮކްސިން ކުޅުންތެރިޔާ ސިނީ ލިސްޓަން ބަލިކޮށް އޭނާގެ ފުރަތަމަ ވޯލްޑް ޓައިޓަލް ކާމިޔާބު ކުރި ހިސާބުންނެވެ.
އޭގެ 18 ދުވަސް ފަހުން އަނެއްކާ ވެސް އޭނާ އެމެރިކާ ސިއްސުވާލި އެވެ. އެމެރިކާގެ މަދަނީ ހައްގުތައް ހޯދުމަށް މަސައްކަތް ކުރި މުސްލިމު އެކްޓިވިސްޓް މެލްކަމް އެކްސްގެ ނުފޫޒާއި ނަސޭހަތުގެ ދަށުން އަލީ، އެމެރިކާގައި ހަރަކާތްތެރިވަމުންދިޔަ އެފްރިކަން އެމެރިކަން ދީނި ޖަމިއްޔާއެއް ކަމަށްވާ "ބުލެކް މުސްލިމް" މިހާރުގެ ނަމުންނަމަ ނޭޝަން އޮފް އިސްލާމްއާ ގުޅުނެވެ. އޭގެ ފަހުން އިސްލާމްދީން ގަބޫލުކޮށް އޭނާއަށް ބަދަލުތަކެއް އައިސް، އޭނާއަށް ލިބިފައިވާ ކާމިޔަބީތަކާ މެދު ބޮޑާވުން ހުއްޓާލައި، އިސްލާމްދީނަށް ސަމާލުކަން ދޭން ފެށި އެވެ.
"ކްރިސްޓިއަން ދީން ދޫކޮށް އިސްލާމްދީން ގަބޫލުކުރުމުން އަހަންނަށް މިނިވަން ކަމާއެކު އުޅެވެން ފެށި. ކްރިސްޓިއަން ދީނުގައި ނަސްލަށް ފަހުރުވެރިވާން ނުލިބުނު ފުރުސަތު އިސްލާމްދީނުން ލިބުނު،" އަލީ ބުންޏެވެ.
މުހައްމަދު އަލީ ގަބޫލުކުރާ ގޮތުގައި، އޭނާ އިސްލާމް ވުމަށްފަހު މުހައްމަދު އަލީގެ ނަން ކިޔުމަކީ އޭނާގެ ހަޔާތުގައި އެންމެ މުހިއްމު އެއް ދުވަހެވެ. އަދި އޭނާއަށް ކުރިން ކީ ނަމަކީ، "އަޅު ނަން" ކަމަށް ވެސް ބުނެފައިވެ އެވެ.
"ކެސިއަސް ކުލޭ އަކި އަހަރެންގެ އަޅުނަން. އެއީ އަހަރެން ގަބޫލުކުރި ނަމެއް ނޫން އަދި އަހަރެން އެ ނަމެއް ބޭނުމެއް ވެސް ނޫން. އަހަރެންނަކީ މުހައްމަދު އަލީ. މިނިވަން ނަމެއް،" އަލީ ބުނެފައިވެ އެވެ.
އަލީ އިސްލާމްދީން ގަބޫލުރި ދުވަސްވަރަކީ އެމެރިކާގައި އިސްލާމްދީން ފުޅާވެފައިވާ ދުވަސްވަރެއް ނޫނެވެ. އަދި އޭނާ އިސްލާމްދީން ގަބޫލުކުރުމުން އެމެރިކާގެ ބޮކްސިން ކޮމިޝަން ރުޅިގަދަވި ނަމަވެސް، ގިނަ ބަޔަކު އޭނާގެ ފަހަތުން އިސްލާމްދީން ގަބޫލުކުރަމުންދިޔަ އެވެ. ހައްޖުގެ އަޅުކަން އަދާކުރަން މާތްވެގެންވާ ބިން، މައްކާއަށް ދިއުމަށްފަހު އޭނާ ބުނެފައި ވަނީ، އެއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އިހުސާސްތައް ކުރެވުނު ދުވަސް ކަމަށެވެ.
"އަހަރެންގެ ހަޔާތުގައި އުފާވެރި ވަގުތުތައް އައިސްފައި އެބަހުރި. ނަމަވެސް ހައްޖު ދުވަހު އަރަފާތު ފަރުބަދަ މަތީގައި ހުރެވުނު ވަގުތު އެ ކުރެވުނު އިހުސާސްއަކީ ހަޔާތުގައި ކުރެވުނު އެންމެ ތަފާތު އިހުސާސް. އެތައް މިލިއަން ހައްޖުވެރިންނެއް އެ މީހުން ކޮށްފައިވާ ފާފަތައް ފުއްސަވައިދެއްވުމަށް އެދި ހެއްދެވި ކަލާނގެއަށް އެދި އެކަލާނގެ ދަރުމަ އާއި ސަވާބު ހޯދަމުންދާ ތަން ފެނުމަކީ ކުރެވުނު ވަރަށް ތަފާތު އިހުސާސެއް،" އަލީ ބުނެފައިވެ އެވެ.
އިސްލާމްދީން ގަބޫލުކުރުމަށްފަހު އެމެރިކާގެ ސަރުކާރުން އޭނާއަށް ފާރަލަމުންދިޔަ ނަމަވެސް، މުހައްމަދު އަލީ ފެނިގެންދިޔައީ އޭނާގެ ދިރިއުޅުމުގެ މައްޗަށާއި އިސްލާމްދީނުގެ މައްޗަށް މުޖުތަމައުތަކުގައި ވާހަކަތަކުގައި ވާހަކަދައްކާ މީހެއްގެ ގޮތުގަ އެވެ. އަދި އެމެރިކާގެ ކަޅު ނަސްލުގެ މީހުން އޭނާއަކީ އަދިވެސް ބަތަލެއްގެ ގޮތުގައި ސިފަކުރެއެވެ.
އަލީ ވެފައި ވަނީ، ޗިކާގޯގައި ފުރަތަމަ އެޅި މިސްކިތް، މަސްޖިދް އަލް ފާތިރް ފަދަ އިސްލާމީ އެތައް އިންސްޓިޓިއުޝަންތަކެއް ގާއިމްކޮށްދިނުމުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ މީހެއްގެ ގޮތުގައެވެ.
ނަމަވެސް މިއަދު މުހައްމަދު އަލީ މި ދުނިޔެއަކު ނެތެވެ. އުމުރުން 74 އަހަރުގެ އަލީ ނިވާޔީ ނޭވާލާން އުނދަގޫވެ އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. އޭނާ މަރުވެފައި ވަނީ، އެމެރިކާގެ ފީނިކްސް ސިޓީގެ އެރިޒޯނާ ސްޓޭޓްގެ ހޮސްޕިޓަލެއްގަ އެވެ.
ޖުމްލަ 61 ބޮކްސިން މެޗު ކުޅެ އޭގެ ތެރެއިން 56 މެޗުން މޮޅުވެފައިވާ އަލީ ވަނީ 1981 ވަނަ އަހަރު ބޮކްސް ކުޅުން ހުއްޓާލާފަ އެވެ.