ޑޮލަރުގެ އަގު ތިރި ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާކޮށް މުޒާހަރާތައް ކުރި ޒުވާނުންނާ އެކު، ފިނޭސް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ]އެމްއެމްއޭ[އާ އެކު ބޭއްވި މަޝްވަރާތައް ހޫނުވެ، ބައްދަލުވުން ވޯކްއައުޓް ކުރެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވަޑައިގެންފި އެވެ.

ޑޮލަރުގެ މައްސަލާގައި މުޒާހަރާ ކުރާ ޒުވާނުންނާ އެކު މިއަދު ހަވީރު އެމްއެމްއޭގައި ބޭއްވި މަޝްވަރާތަކުގައި މިނިސްޓަރު އިނާޒު މަޝްވަރާގެ މޭޒު ދޫކުރައްވައި ވަޑައިގެންނެވީ، ޒުވާނުންގެ ފަރާތުން މަޝްވަރާގައި ބައިވެރިވި ޕީއޭގެ ޒުވާނުން ގޮފީގެ ރައީސް އަބްދުﷲ ރިފާއު ]ބޮޗޭ[ ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް، ޖަދަލު ކުރެއްވުމަށް ވާހަކަފުޅު ދެއްކެވި ކަމަށް ވިދާޅުވެ އެވެ.

މިއަދު ހަވީރު ޒުވާނުންނާ އެކު ބޭއްވި މަޝްވަރާތަކާ ބެހޭ ގޮތުން އިނާޒު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޒުވާނުންގެ ނަމުގައި ސިޔާސީ ފޭރާމެއްގައި ހުރި ބޭފުޅަކު އެމަނިކުފާނާ ޖަދަލު ކުރައްވައި ވާހަކަފުޅު ދެއްކެވުމުން، އެފަދަ މާހައުލެއްގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުން މަޝްވަރާގެ މޭޒު ދޫކުރައްވައި ވަޑައިގެންނެވީ ކަމަށެވެ. އަދި އެތަން ދޫކުރައްވައި ވަޑައިގެންނެވުމުގެ ކުރިން ޒުވާނުންގެ ޝުއޫރު އަޑު އެއްސެވި ކަމަށާއި ސަރުކާރުގެ ފަރާތުން ޖަވާބުދާރީންވާން ޖެހޭ ކަންތައްތަކުގައި ޖަވާބުދާރީ ވެވަޑައިގެންނެވި ކަމަށް އިނާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތައް ފަހަތުގައި ތިބެގެން، ޒުވާނުންގެ ނަމުގައި ޖަދަލުވެރި އުސޫލުން ކުރާ މަޝްވަރާތަކެއްގައި ކާމިޔާބީއެއް ނުނުކުންނާނެ ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލު ކުރެވޭނީ ހުރިހާ ފަރާތްތަކުން ވެސް ސަރުކާރަށް އެއްބާރުލުންދީގެން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފުރުސަތުދީގެން ކަމަށެވެ.

"ޒުވާނުންގެ ނަމުގައި ސިޔާސީ ޕާޓީއަކުން އަޅުގަނޑުމެންނާ އެ ގޮތަށް ވާހަކަ ދައްކައިގެން، ޖަދަލުވެރި ގޮތަކަށް ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެ ބޭފުޅުން މަސައްކަތް ކުރަމުންގެންދިޔައީ ޑޮލަރުގެ މައްސަލާގައި އެމްއެމްއޭގެ ރޯލެއް ނެތް ކަމަށް ސާބިތު ކުރުމަށް. ނަމަވެސް މި ކަމަކީ އެމްއެމްއޭއާ އެކު ކުރި މަޝްވަރާތަކަށް ފަހު، ގެނައި ބަދަލެއް. އައިއެމްއެފްގެ ލަފާ ވެސް ތަކުރާރުކޮށް އަޅުގަނޑުމެންނަށް ލިބުނު. އެ ބަދަލު ގެނައި ހުރިހާ ވިސްނުންތަކާ އެކު،" މިއަދު ޒުވާނުންނާ އެކު ކުރި މަޝްވަރާތަކާ ބެހޭ ގޮތުން އިނާޒު ވިދާޅުވި އެވެ.
މިއަދު ހަވީރު 4:15 އެހާކަންހާއިރު އެމްއެމްއޭގައި ބޭއްވި މަޝްވަރާ ބައްދަލުވުން ހޫނުވެ، އިނާޒު ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވި ނަމަވެސް، ގަވަރުނަރު ފަޒީލް ނަޖީބާ އެކު މަޝްވާރާތައް ދެ ގަޑިއެއްހާއިރަށް ކުރިއަށްދިޔަ އެވެ.

ޒުވާނުންގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވި ރިފާއު ވިދާޅުވީ މިނިސްޓަރު އިނާޒާ އެކު ޖަދަލު ކުރުމުގެ އުސޫލުން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ. ނަމަވެސް އީނާޒު ސިޔާސީ ގޮތުން ކުރިމަތިކުރުވައި ދެއްކެވި ވާހަކަތަކަށް ރައްދު ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޝްވަރާގެ މޭޒު ދޫކުރައްވައި އިނާޒު ވަޑައިގެންނެވީ ސީޔާސީ ފިކުރެއްގައި ތިބި ބަޔަކާ ވާހަކަ ދެއްކޭނެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވެ ކަމަށް ރިފާއު ސަން އަށް ކިޔައިދިނެވެ.

"އަޅުގަނޑުމެން ޖަދަލު ކުރި ނަމަ އެމްއެމްއޭގެ ބޭފުޅުން ވެސް ނުތިއްބަވާނެއެއް ނުންތޯ. އަޅުގަނޑުމެން ވާހަކަ ނުދައްކަނީސް އަޅުގަނޑަކީ ސިޔާސީ މީހެކޭ ވިދާޅުވީމާ އިނާޒުގެ ވާހަކަ މެދުކަޑުވާލާފައި ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވި މި]މަޝްވަރާތައް[ ސިޔާސީ ނުކުރައްވާށޭ،" އީނާޒު ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައި ޕީއޭގެ ޒުވާނުން ގޮފީގެ ރައީސް އަބްދުﷲ ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވީ ޕީއޭގެ ފަރާތުން ނޫން ކަމަށާއި މުޒާހަރާތަކުގައި ބައިވެރިވާ ޒުވާނެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ސަރުކާރާ އެކު ބާއްވާ މަޝްވަރާތައް ސިޔާސީ ކުރުވުމަށް އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށް ރިފާއު ވިދާޅުވި އެވެ.

އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ އެކު ބޭއްވި މަޝްވަރާތަކަށް ކާމީޔާބީއެއް ލިބިފައި ނުވާއިރު، މުޒާހަރާ ކުރާ ޒުވާނުން ބުނެފައި ވަނީ އަދި ސިލްސިލާ މުޒާހަރާތަކަށް ނުކުންނަށް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ސަރުކާރާ އެކު ކުރާ މަޝްވަރާތައް ނިނުމުން، ވިޔަފާރިވެރިންނާ އެކު މަޝްވަރާތައް ފަށާނެ ކަމަށް ވިދާޅުވި އެވެ.

މި މަހުގެ އަށް ވަނަ ދުވަހު ވެސް ޒުވާނުންނާ އެކު އެކު ހޯމް މިނިސްޓްރީގައި ވެސް ވަނީ ސަރުކާރުގެ މަޝްވަރާތަކެއް ބާއްވައިފަ އެވެ. އެ މަޝްވަރާތައް ވެސް ނިމިގެންދިޔައީ އެއްވެސް ކާމިޔާބީއެއް ނުލިބި އެވެ.