04 Jun 2016, 14:37
މިހާރު ކުރިއަށްދާ ސާކް ފިލްމު ފެސްޓިވަލްގައި ދިވެހި ތިން ފިލްމެއް ބައިވެރިކޮށްފި އެވެ.
ސާކް ކަލްޗަރަލް ސެންޓަރާއި ސްރީލަންކާގެ ފައުންޑޭޝަން ޑިޖިޓަލް އެކަޑަމީ ގުޅިގެން މި މަހުގެ އެކަކުން ހަޔަކަށް ކުރިއަށް ގެންދާ ފެސްޓިވަލުގައި ބައިވެރިކޮށްފައި ވަނީ އަލީ ސީޒަންގެ "އަހްޝަމް" ރަވީ ފާރޫގުގެ "މިކޮއެ ބައްޕަ ބައެ ބައެ" އަދި "އެއްފަސް" އެވެ.
އެ ތިން ފިލްމުގެ ތެރެއިން ރަވީ ޑައިރެކްޓުކޮށްފައިވާ "މިކޮއެ ބައްޕަ ބައެ ބައެ" ވަނީ އިއްޔެ ވަނީ ފެސްޓިވަލުގައި ދައްކައިފަ އެވެ. ޑާކް ރެއިން އެންޓަޓައިންމަންޓުގެ އެ ފިލްމުން ފެނިގެން ދާނީ ހަނދާން ނެތޭ ބަލިޖެހޭ ބައްޕައެއްގެ ކިބައިން މަންމައަކު އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ.
މަހުދީ އަހުމަދުގެ ވާހަކައަކަށް މުހައްމަދު އަލީ (މޮގަރ) ޕްރޮޑިއުސް ކުރި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދަނީ އައިޝަތު ރިޝްމީ އާއި މުހައްމަދު މަނިކު އެވެ.

މިކޮއެ ބައްޕަ ބައޭ ބައޭ ގެ ޕޯސްޓަރެއް ---
ފެސްޓިވަލުގައި މިއަދު ދައްކާނީ ކުރު ފިލްމުގެ ބައިން ބައިވެރި ކުރި، "އެއްފަސް" ޑްރާމާ އެވެ.
"އެއްފަސް" އަކީ މިދިޔަ އަހަރު ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަށް ހައުސިން މިނިސްޓްރީ އިން ތައްޔާރުކުރި ޑްރާމާ އެކެވެ.
މަޝްހޫރު ނެށުންތެރިޔާ އަދި ޕްރޮޑިއުސަރު ރަވީ ފާރޫގު ޕްރޮޑިއުސްކޮށް ހައުސިންގް މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އެ ޑްރާމާގައި ދައްކުވައި ދެނީ ރާއްޖެތެރޭގައި ދިރިއުޅެމުން ދިޔަ އާއިލާތަކަށް ދިރިއުޅުމުގައި ދިމާވާ މައްސަލަތަކެެކެވެ.
އެ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައި ވަނީ ވެސް "އެއްފަސް" އެވެ.
ހައުސިންގެ ޑްރާމާ އެއްފަސްގެ މަންޒަރެއް. ސާކް ފިލްމު ފެސްޓިވަލުގައި އެ ޑްރާމާ ބައިވެރިކޮށްފައި ވަނީ ކުރު ފިލްމުގެ ބައިން ---
މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، "އެސް ޕްރޮޑަކްޝަން"ގެ "އަހްޝަމް" ދައްކަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.
"އަހްޝަމް" އަކީ ތަފާތު އެކި ރަހަތަކަކާ އެކު ގެނެސްދީފައިވާ އެކްޝަން ފިލްމެކެވެ. މަހުދީ އަހުމަދު އަދި އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް އުފެއްދި އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދަނީ ސީޒަން، އަހުމަދު ސައީދު، އައިމިނަތު ރިޝްފާ، ޒީނަތު އައްބާސް، އާރިފާ އިބްރާހިމް އަދި ރޯނު ހަސަން މަނިކު އެވެ. 1.5 މިލިއަން ރުފިޔާގެ ބަޖެޓަކުން އުފެއްދި އެ ފިލްމަކީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ އަގުބޮޑު ފިލްމެވެ.

ސާކް ފިލްމު ފެސްޓިވަލުގެ އެވޯޑު ދިނުމުގެ ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ.
ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ފިލްމު ފެސްޓިވަލުގައި މިދިޔަ އަހަރު ސީޒަނަލް މޫވީސްގެ އުފެއްދުމެއް ކަމުގައިވާ "އިންސާނާ" އަށް ވަނީ ބްރޮންޒް މެޑެއްޔެއް ލިބިފަ އެވެ. އަދި އޭގެ ކުރީ އަހަރު ރަވީގެ "އިނގިއްޔަށް" ވެސް ވަނީ ބްރޮންޒް މެޑަލް ލިބިފަ އެވެ.
އޭގެ އިތުރުން އެ ފިލްމުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ.