04 Jun 2016, 15:20
ރެއިން ފެށިގެން، ޝައްވާލް މަހުގެ ހަތް ވަނަ ދުވަހުގެ ރޭގެ ނިޔަލަށް، ރާއްޖޭގެ ފިހާރަތައް ރޭގަނޑު 11:00 ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އިއްޔެއިން ފެށިގެން، ރަމަޟާން މަސް ނިންމައި، ޝައްވާލް މަހުގެ ހަތްވަނަ ދުވަހުގެ ރޭގެ ނިޔަލަށް ފިހާރަތައް 11:00 ވަންދެން ހުޅުވައި، އެތަންތަނުން ވިޔަފާރި ކުރެވޭނެ ކަމަށެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ބެލެވިފައި ވަނީ މި ހިނގާ ޖޫން މަހުގެ ހަވަނަ ދުވަހެވެ. އެހެންކަމުން، އިކޮނޮމިކް މިނިސްޓްރީން މި ވަނީ، ރޯދަ މަހުގެ ކުރިން އޮތް ތިން ދުވަހު ވެސް ރޭގަނޑު 11 ވަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ.
ރަމަޟާން މަހުން ފެށިގެން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު، ކެފޭ ރެސްޓޯރަންޓްތައް ދަންވަރު 3:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ކެފޭ ރެސްޓޯރަންޓް އަދި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދެވުނެވެ. ނަމަވެސް އެ ހުއްދަތައް ބާތިލުކޮށް، ތަންތަން ބަންދުކުރާ ވަގުތު އަވަސްކުރުމަށް ބާރު އަޅަން ފެށީ 2012 ވަނަ އަހަރު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.
ކެފޭތަކާއި ފިހާރަތައް ބަންދުކުރާ ވަގުތު 2012 ވަނަ އަހަރު އަވަސްކުރީ، އެތަންތަން ހުޅުވާފައި ހުރުމުން ދަންވަރު ހޭލާ އުޅޭ ޒުވާނުން އިތުރުވެ، ކުށް ކުރުން އިތުރުވެގެންދާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ފިހާރަތައް ބަންދު ކުރާ ގަޑިތަކަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން ދަންވަރު 1:00ގައި ބަންދުކުރާ ކެފޭތައް ދަންވަރު 12:00ގައި ބަންދުކުރަން ޖެހޭ ގޮތަށް ބަދަލު ކުރި އެވެ. އަދި ފިހާރަތައް ބަންދު ކުރާ ގަޑި 10:00 އަށް އަވަސް ކުރި އެވެ.