04 Jun 2016, 14:33
ރަމަޟާން މަސް ފެށެން ދެ ތިން ދުވަހަށް ވެފައިވާ އިރު، ބާޒާރުގައި ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކުރުމުގެ މަގްސަދުގައި އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިހުގެ އާ ޝިޕްމެންޓްތަކެއް ރާއްޖެ ގެނެސްފި އެވެ.
އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހަށް ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމެންޓެއް ގެނެސްފައި ވަނީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.
އެސްޓީއޯ ސުޕަމާޓުގެ ސީނިއާ މެނޭޖަރު ހަމްދޫން ސައީދު "ސަން" އަށް ވިދާޅުވީ، މިހާތަނަށް އެސްޓީއޯ އިން ތިން ޝިޕްމެންޓެއްގެ ފިޔާ، އަލުވި އަދި ބިސް ގެނެސްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި، މާލެއަށް ގެނައި ދެވަނަ ޝިޕްމެންޓަކާއި އައްޑޫ ސިޓީ އަށް ފޮނުވި ޝިޕްމެންޓެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މާލެއަށް ގެނައި ދެވަނަ ލޯޑު. އެ ދޭތެރެއިން އައްޑޫއަށް، ސައުތު ރީޖަންއަށް ވެސް ގެންގޮސްފައި ވާނެ ޝިޕްމެންޓެއް. އެހެންވީމަ މިއީ ތިންވަނަ ޝިޕްމެންޓް ޓޯޓަލްކޮށް،" ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން ވިދާޅުވީ، ރޯދަ މަހުގެ ތެރޭގައި ވެސް، ފިޔާ އަލުވި އަދި ބިހަށް ޑިމާންޑް އޮންނަ މިންވަރަށް ބަލާފައި، އެތަކެތި ގެންނަމުން ދާނެ ކަމަށާއި ރޯދަ ނިންމާފައި ވެސް އެކަން އެގޮތަށް ކުރިޔަށް ގެންދާނެ ކަމަށެވެ.
އެސްޓީއޯގެ އަގުތައް
ފިޔާ ބަސްތާއެއް 160 ރުފިޔާ އަށް
- އަލުވި ބަސްތާއެއް 250 ރުފިޔާއަށް
- ބިސް ކޭހެއް 275 ރުފިޔާއަށް
ހަމްދޫން ވިދާޅުވީ، ރޯދަ ނިމުމުން، މި ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފަހެއްޓޭކަން ފާހަގަވާ ކަމަށެވެ.
އެސްޓީއޯ އިން ގެނައި ޝިޕްމެންޓުން ތަކެތި ވިއްކުން، އެސްޓީއޯގެ ހަ ނަމްބަރު ކޮށިން ކުރިޔަށް ދާނެ އެވެ. އެތަނުން ތަކެތި ވިއްކާނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 12:00 އަށް، އަދި މެންދުރު 1:30 އިން 3:00 އަށް ކަމަށެވެ.
އަދި ރަމަޟާން މަހު އެސްޓީއޯ ކޮށިން ތަކެތި ވިއްކާނީ ހެނދުނު 10:00 އިން މެންދުރު 2:00 އަށެވެ.
މީގެ އިތުރުން، މިތަކެތި އެސްޓީއޯ ސުޕަމާޓުން ވެސް، އެސްޓީއޯ އިން ކަނޑައަޅާފައިވާ ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ.