ޑާކްރެއިން އެންޓަޓައިންމެންޓުން އެންމެ ފަހުން ނެރުނު ފިލްމު، 'ވާށޭ މަށާއެކީ" ލަންކާގައި އަޅުވަން ނިންމައިފި އެވެ.

ރާއްޖޭގައި އެ ފިލްމު ރިލީޒްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ. މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ފިލްމުގެ ކާމިޔާބު ޝޯވަތަކެއް ވަނީ ދައްކައިފަ އެވެ.

ރާއްޖޭގައި އެ ފިލްމަށް ލިބުނު ކާމިޔާބާ އެކު، ފިލްމުގެ އޯޑިއެންސް ފުޅާކޮށް، އަވަށްޓެރި ލަންކާގައި ވެސް ފިލްމު އެޅުވުމަށް ޑާކްރެއިން އެންޓަޓައިންމެންޓުން މިވަނީ ނިންމައިފަ އެވެ.

ލަންކާގައި އެ ފިލްމު ދައްކަން ފުރަތަމަ ހަމަޖެހިފައި އޮތީ މި މަހުގެ 13، 14 އަދި 15 ގަ އެވެ. ނަމަވެސް މިހާރު ލަންކާގައި ފިލްމު އަޅުވާ ތާރީހުތައް ވަނީ ބަދަލުކޮށްފަ އެވެ.

ޑާކްރެއިން އެންޓަޓައިންމެންޓުން ބުނީ ލަންކާގައި ފިލްމު އަޅުވާނީ މި މަހުގެ 10، 11 އަދި 12 ގައި ކަމަށެވެ.

އެ ތިން ދުވަހު ލަންކާގެ ދެ ސިނަމާ އެއްގައި ޖުމްލަ ހަ ޝޯ ދެއްކުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެގޮތުން ލަންކާގެ ލިބަޓީ ލައިޓް އަދި ސިޓީ ސިނަމާގައި ފިލްމު އަޅުވާނެ ކަމަށް ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނެ އެވެ.

ސިޓީ ސިނަމާގައި ފިލްމު އަޅުވަނީ އެ ތިން ދުވަހުގެ ހެނދުނު 8:30 ގަ އެވެ. އެ ސިނަމާގައި ފިލްމު ބެލުމަށް ބޭނުންވާ ފަރާތްތަކުން ޓިކެޓަށް ނަން ނޯޓް ކުރަން ގުޅާނީ 94777324734 އަށެވެ.

ލިބަޓީ ސިނަމާގައި ފިލްމު އަޅުވާނީ އެ ތިން ދުވަހުގެ ރޭ 9:30 ގަ އެވެ. އެ ސިނަމާ އިން ފިލްމްގެ ޓިކެޓަށް ނަން ނޯޓް ކުރަން ގުޅާނީ 94717145766 އެވެ.

ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވާ 'ވާށޭ މަށާއެކީ" އަލީ ޝިފާއު (ޗިއްޕެ)ގެ ޑައިރެކްޝަން އެކެވެ. އެ ޕްރޮޑިއުސް ކޮށްފައި ވަނީ މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު އެވެ. ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ މަހުދީ އެވެ.

އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމުގެ އިތުރުން ހަމްދާން ފާރޫގު ފަދަ ތަރިންގެ މޮޅު އެކްޓިން އެއް ވަނީ ފެނިގެން ގޮސްފަ އެވެ.