ޕޯޗުގަލްގެ ލިސްބަންގައި މިހާރު ކުރިއަށްދާ 15 ވަނަ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސް (އައިއޭޕީ) ގައި އިންސާނީ ވަގުފާރި ހުއްޓުވުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ސެޝަނެއްގެ ރިޔާސަތު، ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ބަލަހައްޓަވައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ޔޫރަޕިއަން ރީޖަނަލް ކޮންފަރަންސްގެ އިއްޔެގެ ހެނދުނުގެ ދަންފަޅީގައި ވާހަކަދައްކާފައި ވަނީ 'ހިއުމަން ޓްރެފިކިން ވިތިން އަ ޓްރާންސްނޭޝަނަލް ލީގަލް ފްރޭމްވަކް'ގެ މައްޗަށެވެ.

އެ ދަންފަޅީގައި ހުށަހަޅައިދިން ޕްރެޒެންޓޭޝަންތަކުގައި އަލިއަޅުވާލާފައި ވަނީ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ހުކުމްކޮށްފައިވާ އިންސާނީ ވަގުފާރިއާ ބެހޭ މައްސަލައަކާ ގުޅޭ ގޮތުންނާއި އެ ދާއިރާ އިން ޕްރޮސިކިއުޓަރުންނާއި ޖުޑީޝަރީ ޕްރޮފެޝަނަލުން ތަމްރީންކުރުމުގެ މުހިއްމުކަމުގެ މައްޗަށް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ، ޕީޖީ ބިޝާމް އެ ދަންފަޅީގެ ރިޔާސަތު ބަލަހައްޓަވައިދެއްވާފައި ވަނީ އައިއޭޕީގެ ދައުވަތަކަށް ކަމަށެވެ. ޕީޖީ އޮފީހަކީ އައިއޭޕީގެ މެންބަރެކެވެ.