24 Oct 2016, 12:07
ރާއްޖެ އިން ބޭރުގައި ވޯޓުފޮށިތައް ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ދާދިދެންމެ ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ރާއްޖެ އިން ބޭރުގައި ވޯޓު ފޮށިތައް ބަހައްޓަން މިއަދު ކޮމިޝަނުން ނިންމީ އިންތިޚާބުތަކާ ބެހޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާއާ އެކު ކަމަށެވެ.
މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ރާއްޖެ އިން ބޭރުގައި ވޯޓު ފޮށިތައް ނުބަހައްޓަން ނިންމައިފަ އެވެ. ނަމަވެސް މިއަދު ވަނީ އެ ނިންމުން އަލުން މުރާޖާކޮށް ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމައިފަ އެވެ.
އޮފިޝަލް ވިދާޅުވީ ވޯޓު ފޮށިތައް ބަހައްޓާނީ ވޯޓުލުމަށް 1000 މީހުން ރަޖިސްޓްރީކުރާ ގައުމުތަކުގައި އެކަނި ކަމަށެވެ.
ރާއްޖެ އިން ބޭރުގައި ވޯޓު ފޮށިތައް ނުބަހައްޓަން ނިންމާފައިވާ ނިންމުން އަލުން މުރާޖާކުރަން ކޮމިޝަންގެ ބައްދަލުވުމަށް ހުށަހެޅީ އިންތިޚާބުތަކާ ބެހޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީން އެގޮތަށް ލަފާދީފައިވާތީ އެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ އެ ނިންމުން ކުށްވެރިކޮށް، ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ބެހެއްޓުމަށް އެ ކޮމިޝަނަށް ގޮވާލައިފަ އެވެ.