ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން 36 އަށް ވުރެ ގިނަ ސައިކޮލޮޖިސްޓުން މިހާރު ރަޖިސްޓްރީކޮށްދީފައިވާނެ ކަމަށް މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ބުނެފި އެވެ.

އެކައުންސިލް އުފެދުމާ އެކު ވަނީ ކުރިން ހިންގި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އެލައިޑް ކައުންސިލްގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފަ އެވެ.

އެ ކައުންސިލްގެ ރައީސް އަހުމަދު ނަޔާޒު ސަން އަށް ވިދާޅުވީ ރަޖިސްޓްރީކޮށްދީފައިވާ ސައިކޮލޮޖިސްޓުންގެ ތެރޭގައި ކްލިނިކަލް ސައިކޮލޮޖިސްޓުންނާއި އެސިސްޓެންޓް ސައިކޮލޮޖިސްޓުން ހިމެނޭ ކަމަށެވެ.

ސައިކޮލޮޖިސްޓުންގެ ދާއިރާއަކީ ފުޅާ ދާއިރާއެއް ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދާއިރާ އިން ތައުލީމް ހާސިލްކުރުމަށް ފަހު އެދާއިރާގައި އުޅޭ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމަށް ހުށައަޅާ ފަރާތްތަކަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވެވޭނެ ކަމަށެވެ.

ގިނަ އަދަދެއްގެ ސައިކޮލޮޖިސްޓުން ރަޖިސްޓްރީވުމަށް ހުށައެޅި ނަމަވެސް އެކަން އަދިވެސް ނުވާކަމަށް ބުނެ އެފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.

އެލައިޑް ކައުންސިލް އާއި ސައިކޮލޮޖިސްޓުންނާ މެދު މިހާރު ހިތްހަމަ ނުޖެހުން އުފެދިފައި ވަނީ ބެޗްލާސް ޑިގްރީ އަލަށް ނަގައިގެން އަންނަ މީހުންނަށް އެ ހުއްދަ ނުދޭގޮތަށް އެކައުންސިލް އިން މިހާރު ނިންމާފައިއޮތުމުންނެވެ. ނަމަވެސް އެނިންމުން ބަދަލުކޮށް ސައިކޮލޮޖިސްޓު އެސިސްޓެންޓުންގެ ހުއްދަ ނަމަވެސް އެފަރާތްތަކަށް ދޭނެ ކަމުގެ އިޝާރާތެއް އެކައުންސިލް އިން މިހާރު ވަނީ ކޮށްފަ އެވެ.