އެތެންސް (ޖޫން 4): ގިނަ އަދަދެއްގެ ރެފިއުޖީންނާ އެކު މެޑިޓެރޭނިއަން ކަނޑުން ދަތުރު ކުރަމުން ދިޔަ ބޯޓެއް އަޑިއަށް ދިޔުމުގެ ސަބަބުން މަރުވި 117 ވަރަކަށް މީހުންގެ ހަށިގަނޑު ލީބިޔާގެ އައްސޭރިފަށުން އިއްޔެ ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

މަރުވެފައިވާ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ލީބިޔާގެ ހުޅަނގުގައި އޮންނަ ޒުވާރާއިން ކަމަށާއި އޭގެ ތެރޭގައި ގިނައީ އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށް ލީބިޔާގެ ރެޑް ކްރެސެންޓުގެ ތަރުޖަމާނެއް ކަމަށްވާ މުހައްމަދު އަލް މުސްރާތީ ވިދާޅުވި އެވެ. އަދި އޭގެ ތެރޭގައި 75 އަންހެނުންނާއި 36 ފިރިހެނުންނާއި، ހަ ކުޑަކުދިން ހިމެނޭ ކަމަށް މުސްތާރީ ވިދާޅުވި އެވެ.

ލީބިޔާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާނެއް ކަމަށްވާ ކާނަލް އައްޔޫބު ގާސިމް ވަނީ މަރުވެފައިވާ މީހުންގެ އަދަދު 117 އަށް ވުރެ އިތުރު ވާނެ ކަމަށް ލަފާ ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫރަޕުގެ ގައުމުތަކަށް މީހުން ހިޖުރަ ކުރުން ހުއްޓުވުމުގެ ބަދަލުގައި "އެގައުމުތަކުން ކުރާ ހަމައެކަނި ކަމަކީ މަރުވެފައިވާ މީހުންގެ އަދަދު ގުނުމެވެ."

މެޑިޓެރޭނިއަން ކަނޑު ހުރަސް ކޮށް، އެފްރިކާގެ ގައުމުތަކުން ޔޫރަޕުގެ ގައުމުތަކަށް ގަވައިދާ ހިލާފަށްދާ މީހުންގެ އަދަދު ވަނީ ހޫނު މޫސުމާ ދިމާކޮށް އިތުރުވެފަ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. ޔޫއެން ރެފިއުޖީ އޭޖެންސީން ބުނާ ގޮތުގައި މިއަހަރު ތެރޭގައި 205،000 ރެފިއުޖީން ވަނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށްގެން ޔޫރަޕުގެ ގައުމުތަކަށް ގޮސްފަ އެވެ. އަދި އެދަތުރު މަތީގައި 2،500 މީހަކު ވަނީ މަރުވެފަ އެވެ. (ޓެލެގްރާފް)