މިދިޔަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު ޑީއާރްޕީން ބޭއްވި ކޮންގްރެސްގައި ޕާޓީގެ އިސް މަގާމުތަކަށް އައި ބަދަލުތަކުގެ ތަފްސީލު މިދިޔަ ބުރާސްފަތި ދުވަހު ޑީއާރްޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ 17 ވަނަ މާއްދާގައިވާ ގޮތުގައި، "ސިޔާސީ ޕާޓީގެ ނަމަށް، ނުވަތަ އެޑްރެހަށް ނުވަތަ އަސާސީ ގަވައިދަށް ނުވަތަ މެނިފެސްޓޯ އަށް، ނުވަތަ ޕާޓީ ތަމްސީލުކުރާ ފަރާތަށް ނުވަތަ އެފަރާތުގެ އެޑްރެހަށް އެއްވެސް ބަދަލެއް އަންނަތާ 15 ދުވަހުގެ ތެރޭގައި އެކަން ކޮމިޝަނަރަރަށް ލިޔުމަކުން އަންގަންވާނެ" އެވެ.

ނަމަވެސް، 'ޑީއާރްޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ޕާޓީގެ މުޅި ލީޑަޝިޕް ބަދަލުވެފައިވާއިރު، އެއިން އެއްވެސް ބަދަލެއް މިދިޔަ ބުރާސްފަތި ދުވަހާ ޖެހެންދެން ވެސް އިލެކްޝަންސް ކޮމިޝަނަށް އޮތީ ހުށަނާޅާ ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަމަވެސް، އިލެކްޝަންސް އިން ރަސްމީކޮށް އެކަން ކަށަވަރުކޮށެއް ނުދެ އެވެ.

އެ ކޮމިޝަނުގެ އެގްޒެކެޓިވް ޑައިރެކްޓާ އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ، ޑީއާރްޕީގެ ކޮންގްރެސްގައި އިސް މަގާމުތަކަށް އައި ބަދަލުތަކުގެ ތަފްސީލް ބަޔާންކޮށް، މިދިޔަ ބުރާސްފަތި ދުވަހު ކޮމިޝަނަށް ސިޓީއެއް ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް، އެ ސިޓީއަށް އަދި އިލެކްޝަންސް އިން ވަކި ޖަވާބެއް ދީފައި ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން މިއަދު ވިދާޅުވީ، އެސިޓީއާ ގުޅޭ ގޮތުން އިލެކްޝަންސް އިން އެއްވެސް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ވެސް ނިންމައިފައިނުވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ކޮމިޝަނުގެ މެމްބަރުން ބައްދަލުކުރާނެ ކަމަށް ފަޔާޒް ވިދާޅުވި އެވެ.

ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓާ އަލީ ސޯލިހު މިއަދު ވިދާޅުވީ، ޑީއާރްޕީގެ ކޮންގްރެސް އަށް ފަހު ޕާޓީގެ އިސް މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުންގެ މައުލޫމާތު ވާނީ އިންތިހާބު ނިމުމުން އިލެކްޝަންސް އަށް ހުށަހަޅައިފައި ކަމަށެވެ. އަދި މިއަދާ ޖެހެންދެން ވެސް އިލެކްޝަންސް ކޮމިޝަނުން "ހުރިހާ މުއާމަލާތެއް ކުރަމުން ދިޔައީ މިހާރުގެ ޒައާމަތާ" ކަމަށާއި އެއީ މައުލޫމާތު ހުށަހަޅައިފައިވާ ކަމުގެ ދަލީލެއް ކަމުގައި ވެސް ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް، މިދިޔަ ބުރާސްފަތު ދުވަހު އެ ތަފްސީލު ކޮމިޝަނަށް ހުށަހެޅީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ސޯލިހު ވިދާޅުވީ، އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވެން ނެތް ކަމަށެވެ.

"ދެން އޭގައި ސީދާ ފޮނުވީ މިވެނި ސަބަބަކާ ހުރެއެކޭ ދަންނަވާކަށް ނުކެރޭނެ. އެ ވާ ގޮތަކީ ވެދާނެ އިލެކްޝަންސް ކޮމިޝަނުން އިސް ބޭފުޅަކު ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި އެދިވެސް ފާނެ[މައުލޫމާތު ފޮނުވަން[. އެހެންވީމަ އެ ބޭފުޅާއާ [ސެކްރެޓެރީ ޖެނެރަލް އަބްދުއް ރަޝީދު ނާފިޒާ] ސީދާ އަޅުގަނޑަކާ ނުގުޅޭ. އެހެންނަމަވެސް، [މައުލޫމާތު] ސީދާ ފޮނުވި ކަމުގެ ޔަގީންކަމާއެކު ފޮނުވިއޭ މި ބުނަނީ. އޭރު ފޮނުވުމުން ޕާޓީއަށް ލިޔުމަކުން އެންގި ކަމަކަށް ނުވޭ." ސޯލިހު ވިދާޅުވި އެވެ.

ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތަފްސީލު އިލެކްޝަންސަށް މިއަދު ހުށަހަޅައިފައި މިވަނީ، ޕާޓީގެ އާ ލީޑާރަކަށް 2010 ވަނަ އަހަރު ހޮވިވަޑައިގެންނެވި އަހްމަދު ތަސްމީން އަލީ އާއި ޕާޓީގެ ކުރީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމްގެ ފަހަތުގައި ޕާޓީގެ ސަޕޯޓަރުން ދެ ބަޔަކަށް ބެހި، ވަރަށް ބޮޑަށް ބައިބައިވެފައި ވަނިކޮށެވެ. ތަސްމީނަށް ތާއީދުނުކުރާ ނުވަތަ ޒައީމް ފެކްޝަނަކީ "އަސްލު ޑީއާރްޕީ" ކަމަށް މައުމޫން ވިދާޅުވެފައިވާއިރު ތަސްމީން ވިދާޅުވަނީ ޕާޓީ ދޫކޮށް ނުލައްވާނެ ކަމަށެވެ.