04 Jun 2016, 09:32
އެމްޑީޕީ އޮފީސް ކުރިމަތީގައި އެ ޕާޓީން ރޭ ކުރިއަށްގެން ދިޔަ މާހެފުން ފުލުހުން ހުއްޓުވީ ކަމާ ބެހޭ ފަރާތްތަކުން ނަގަން ޖެހޭ ހުއްދަ ނުހޯދައި ހަރަކާތް ކުރިއަށް ގެންދިއުމުން ކަމަށް ފުލުހުން ބުނެފި އެވެ.
އެމްޑީޕީގެ މާހެފުން ހުއްޓުވުމާ ގުޅޭ ގޮތުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ހަރަކާތްތައް މަގުމަތީގައި ހިންގުމަށް ހައުސިން މިނިސްޓްރީ އިން ނަގަން ޖެހޭ ހުއްދަ އެމްޑީޕީ އިން ނުނަގާ ކަމަށެވެ.
އަދި ހުއްދަ ނުނަގައި އެމްޑީޕީ އިން އެފަދަ ހަރަކާތެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އިއްޔެ މެންދުރުގެ ވަގުތެއްގައި، އެކަން އެގޮތަށް ނުކުރުމަށް ފުލުހުން އެ ޕާޓީ އަށް އަންގާފައި ވާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ މާހެފުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
"ނަމަވެސް، ފުލުހުންގެ އެންގުމާ ހިލާފަށް އެ ހަރަކާތް މަގުމަތީގައި ކުރިއަށް ގެންދަން މަސައްކަތްކުރުމުން، މަގުމައްޗަށް ދަތިވާގޮތަށް ބަހައްޓާފައި ހުރި ތަކެތި ނަގައި އެ ހަރަކާތް މިނިސްޓްރީ އޮފް ހައުންސިންގް އެންޑް އިފްރާސްޓްރަކްޗާގެ ހުއްދަނެތި ކުރިއަށް ނުގެންދަން އަނެއްކާ ވެސް ތަކުރާރުކޮށް ވާނީ އަންގާފަ އެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ނަގަން ޖެހޭ ހުއްދަ ނަގައިގެން ހިންގާ ހަރަކާތްތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މާލޭގެ މަގުތަކަކީ ކާރޫބާރޫ ބޮޑު މަގުތަކަކަށް ވުމުން، ޖުމްލަކޮށް އެންމެހާ ރައްޔިތުންގެ ފަސޭހަ އަށް ޓަކައި އަމަލުކުރަމުންދާ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް ހުރުމަތްތެރިކޮށްހިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.