މާރާމާރީ އާއި މީހުން މެރުން ކުޑަ ދުވަސްކޮޅަކަށް މެދުކެނޑުމަށް ފަހު އިއްޔެ މިވަނީ މުޅި ރާއްޖެ ސިއްސުވާލާފަ އެވެ. އެންމެ އަށެއްކަ ގަޑިއިރު ތެރޭގައި ކުޑަ ދެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ އެވަނީ މަރާލައިފަ އެވެ. އެ ދެ ކުދިން މަރާލާފައިވާ އިރު މީގެ ހަފްތާއެއް ކުރިން މާލޭގައި ހިނގި މާރާމާރީއެއްގައި ވެސް ވަނީ ކުޑަކުއްޖަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ. އެތިން މާރާމާރީ ވެސް ހިންގާފައި ވަނީ ހުކުރު ދުވަހު އެވެ.

މީގެ ހަފްތާއެއް ކުރިން ހުކުރު ދުވަހުގެ ރޭ 8:00 ޖަހާ ކަންހާއިރު ހެންވޭރު އަބަދަށްފަހި މަގުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލުމަށް ފަހު އެ ކުއްޖާގެ ފޯނު ވަނީ ފޭރިގެންފަ އެވެ. އެމާރާމާރީގައި އެ ކުއްޖާ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ އިރު އޭނާ އަށް ފަރުވާދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. މިހާރު އޭނާގެ ހާލު ރަނގަޅެވެ.

މިހާތަނަށް މައުލޫމާތު ލިބުނު ގޮތުގައި އެ މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ އިރު އެއީ ފޭރެންވެގެންދިން ހަމަލާއެއްތޯ ނުވަތަ ބަދަލު ހިފުމެއްތޯ ވަނީ ސާފުނުވެފަ އެވެ. އެ މާރީމާރީ ހިންގި ހުކުރު ދޫކޮށް އަނެއް ހުކުރުގައި މިވަނީ މާ ނުރައްކާ މާރާމާރީތަކެއް ހިންގައިފަ އެވެ.

މާލޭގައި ރޭ މާރާމާރީ ހިންގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ކިޔުންތެރިއެއް

އިއްޔެ ހަވީރާއި ރޭގަނޑު ހިންގި މާރާމާރީގައި 14 އަހަރުގެ ދެ ކުއްޖަކަށް ވަޅިން ހަމަލާދީ މިވަނީ މަރާލައިފަ އެވެ. އެއީ މ. ޝަރުމާގޭ ފާތިރު މުހައްމަދު އަލީ އާއި ކ. ކާށިދު އަހުމަދު އިރުޝާމް ހިލްމީ އެވެ. އެއިގެން އެއް ކުއްޖަކަށް މަގުމަތިން ހަމަލާދީ ވަޅިހެރި އިރު އަނެއް ކުއްޖަކަށް ވަޅިން ހަމަލާދީފައި ވަނީ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ. ދެ ކުދިންގެ ހަށިގަނޑު ވެސް ވަނީ ވަރަށްބޮޑަށް ޒަހަމްކޮށްލައިފަ އެވެ.

އެއް އުމުރެއްގެ ދެކުދިންނަށް އެއް ހިސާބަކުން އެއް ދުވަހެއްގައި ހަމަލާދީ މަރާލާފައިވާ އިރު އުފެދޭ ސުވާލަކީ މިއީ އެއް މަރުގެ ބަދަލުތޯ ނުވަތަ އެ ދެ ކުދިންނަކީ އެކުގައި އުޅޭ ދެކުދިންތޯ އެވެ؟ އެ މައްސަލާގައި 19 މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް ފުލުހުން އިތުރު އެއްޗެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނަނީ އެއީ އަންހެން ކުއްޖެއްޖެ މައްސަލާގައި ހިނގި މާރާމާރީއެއް ކަމަށެވެ.

ސްކޫލުގައި ކިޔަވަން އުޅޭވަރުގެ ދެ ކުދިންނާއި މަތީތައުލީމް ހާސިލްކުރާ އުމުރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްފައިވާ އިރު މިއީ ރާއްޖޭގެ ކަންކަން ނާމާންވެފައިވާ މިންވަރު ދަށްކުވައިދޭ ކަންކަމެވެ. ތައުލީމް ހާސިލުކޮށް ގައުމަށް ހިދުމަތްކުރަންތިބި ކުދިންގަޔަށް ވަޅި ހަރައި މާރާމާރީތަކުގެ އަމާޒުގައި ޖެހިފައިވާ ނަމަ މިއީ މާދަމާ ބިރުވެރިކަން ހާމަކޮށްދޭ ކަންކަމެވެ.

ކުޑަކުދިންނަށް އެފަދަ ނުރައްކާތެރި ހަމަލާތައް އަމާޒުވަމުންދާއިރު އެތައް ކުޑަކުދިންނެއް ގޭންގުތަކާއި ގުޅިގެން ޖަރީމާތައް ހިންގަން އުޅޭކަން ވެސް މިއީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާއި އެކިއެކި ޖަރީމާތައް ހިންގުމަށް މިއަދު ދަނީ ކުޑަކުދިން ބޭނުން ކުރަމުންނެވެ. އެކަންކަމުގެ ތެރެއިން ޖެހޭ މައްސަލަތަކުގެ ސަބަބުން އެކުދިން އެވަނީ ގާތިލުންނަށެވެ.

މިފަދަ ކަންކަން އިންތިހާއަށް އިތުރުވަމުންދާ އިރު މިއީ ބެލެނިވެރިން އެމީހުންގެ ޒިންމާ ނަގަން ޖެހޭ ކަންކަމެވެ. ހަމައެއާ އެކު ކަމާ ބެހޭ ފަރާތްތަކުން މިހާރަށް ވުރެ ބޮޑަށް ހޭލައި މަސައްކަތް ކުރަންޖެ އެވެ. ފަހުގެ ތިން ވަޅިވެސް އަމާޒު ވެފައި އެވަނީ މާދަމާ ގައުމަށް ހިދުމަތްކުރަން ތިބި އުމުރުގެ ކުޑަ ތިން ކުދިންނަށެވެ.