04 Jun 2016, 09:48
މޮބައިލް ފޯނާއި ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕް ފަދަ އާލާތްތަކަކީ އެއާ ނުލައި އަޅުގަނޑުމެންނަށް އެއް ދުވަސް ހޭދަ ނުކުރެވޭ އާލާތްތަކެވެ. ނަމަވެސް، ގިނަ އިރުވަންދެން އެފަދަ އާލާތްތައް ބޭނުން ކުރުމަކީ ހަށިގަނޑަށް، ހާއްސަކޮށް ލޮލަށް ގިނަ ގެއްލުންތައް ލިބޭ ކަމެކެވެ. އެގެއްލުންތަކުން ލޯ ރައްކާތެރި ކުރެވޭނެ ފަސޭހަ ގޮތްތަކެއްވެ އެވެ. އޭގެ ތެރޭގައި:
ލޮލުގެ ކަސްރަތު ކުރުން
ގިނަ އިރުވަންދެން ސްކުރީނަށް ބަލަހައްޓައިގެން ހުރުމަށް ފަހު އެހެން ތަނަކަށް ބެލުމުން ފޯކަސް ކުރަން އުނދަގޫ ވުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. އަދި ލޮލުގައި ރިއްސުމަށް މަގުފަހިވާ ކަމެކެވެ. އެހެން ވިޔަ ނުދިނުމަށް ޓަކައި ކޮންމެ 15 ނުވަތަ 20 މިނިޓު ތެރޭ އެހެން ތަނަކަށް ނަޒަރު ހިންގާލާ ކުޑަ އިރުކޮޅަކަށް ލޯ މަރާލުން ރަނގަޅެވެ.
ސްކުރީން ރަނގަޅު ދުރުމިނެއްގައި ބެހެއްޓުން
މޮބައިލް ފޯނު ބޭނުން ކުރާ އިރު، ހާއްސަކޮށް އޮށޯވެގެން އޮވެ ފޯނު ބޭނުން ކުރާ އިރު ލޮލާ ދާދި ކައިރިން ފޯނު ބޭނުން ކުރުމަކީ ބައެއް މީހުންގެ އާދައެކެވެ. ނަމަވެސް، ފޯނު ބޭނުން ކުރުން އެންމެ ރަނގަޅީ މަދުވެގެން އެއް ފޫޓުގެ ދުރުމިނުގައި ބަހައްޓައިގެންނެވެ. އަދި ކޮމްޕިއުޓަރެއް ބޭނުން ކުރާ ނަމަ އޭގެ ޑެސްކްޓޮޕް ބެހެއްޓުން އެންމެ ރަނގަޅީ އަތް ދިއްކޮށްލުމުން އިނގިލިތަކުގެ ކުރި ޖެހޭ ހިސާބުގަ އެވެ. އޭރުން ސްކުރީނުން ލޮލަށް ލިބޭ ގެއްލުން ކުޑަ ވާނެ އެވެ.
ސްކުރީން ލައިޓިން
ސްކުރީންގެ އަލިކަން މާގަދަ ނަމަ މާފަނޑު ނަމަ ލޮލަށް އުނދަގޫ ވާނެ އެވެ. އެހެންކަމުން، ސްކުރީންގެ އަލިކަން ބެހެއްޓުން ރަނގަޅީ ސްކުރީން ބޭނުން ކުރާ މާހައުލާ އެއްފަދަ ގޮތަކަށެވެ. އަލި ތަނެއްގައި ސްކުރީން ބޭނުން ކުރާ ނަމަ ސްކުރީންގެ އަލިކަން ވެސް ގަދަ ކުރާށެވެ. އަދި އަނދިރި ތަނެއްގައި ބޭނުން ކުރާ ނަމަ ސްކުރީންގެ އަލިކަން ފަނޑުކޮށްލާށެވެ.
ހާއްސަ އައިނު ބޭނުން ކުރުން
އަދާ ކުރާ ވަޒީފާއެއްގެ ސަބަބުން ގިނަ އިރު ސްކުރީނަކަށް ބަލަހައްޓައިގެން ހުންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ފަރާތްތަކުން ޑޮކަޓަރެއްގެ ލަފަޔާ އެކު، ކޮމްޕިއުޓަރު ސްކްރީންތަކަށް ބަލަން ހާއްސަ އައިނެއް އެޅުމަކީ ލޮލަށް ފަސޭހަ ވާނެ ކަމެކެވެ.
ޑިޖިޓަލް ޑިވައިސް ބޭނުން ކުރާ މިންވަރު މަދުކޮށްލާ
މިއީ ޓެކްނޮލޮޖީއަށް ބަރޯސާވެފައިވާ މިޒަމާނުގައި ކުރަން އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. ނަމަވެސް، ނިދުމުގެ އެކެއް ނުވަތަ ދެގަޑި އިރު ކުރިން ޑިޖިޓަލް ޑިވައިސްތައް ބޭނުން ކުރުން ހުއްޓާލުމަކީ ލޮލަށް ލިބޭ ގެއްލުންތައް ކުޑަ ކުރުވާނެ ކަމެކެވެ.
މައުލޫމާތު: ސްޓެތްނިއުސް