03 Jun 2016, 23:36
މާލޭގައި މިހާރު ހިންގަމުންދާ މާރާމާރީތަކާ ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިއަދާއި މިރޭ މާލޭގައި ހިންގި ދެ މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން 14 އަހަރުގެ ފިރިހެން ދެ ކުއްޖަކު ވަނީ މަރުވެފައެވެ.
އޭގެ ތެރޭން އެއް ކުއްޖަކު މަރުވެފައިވަނީ، މިއަދު ހަވީރު 5:45 ހާއިރު ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގައި ހިންގި ގޭންގު މާރާމާރީއެއްގައި އެކުއްޖާގެ ކަރަށް ވަޅިހެރުމުގެ ސަބަބުން، ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗްގައި އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ހޯދަމުން ދަނިކޮށް މިރޭ މިރޭ 7:45ގައެވެ.
ދެވަނަ ކުއްޖާ މަރުވެފައި ވަނީ މިރޭ 22:05 ކަންހާއިރު މ. ޝަރުމާގޭ ތެރޭގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި ލިބުނު ސީރިއަސް ޒަޚަމްތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔަފަހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނުގައި، އެންމެ ބޮޑު ސަމާލުކަމެއް ދޭނީ، މި ދެމާރާމާރީގައި ބައިވެރިވި މީހުން ހޯދުމަށް ކަމަށެވެ.
"މާލޭގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ގާއިމުކޮށް، ތުހުމަތު ކުރެވޭ ފަރާތްތަކާ ސުވާލުކޮށް ޗެކްކޮށް، ހައްޔަރުކުރަން ޖެހޭ ފަރާތްތަށް ހައްޔަރުކުރަމުން ދާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިރެއާއި މިއަދު މާލޭގައި ހިންގި ދެ މާރާމާރީއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެ ދެމައްސަލައިގެ ތަހުގީގު ވަރަށް ސީރިއަސްކޮށް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.