ގޮނޑު ހޮވާ އުސޫލުން، ތަންތަނުން ބާކީވެގެން އަންނަ މީހުން އެމްޑީޕީއާ ގުޅުވައިގެން އިދިކޮޅުފަރާތްތަކުން ރައީސް ޔާމީނަށް ބިރުދައްކަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު ރައްޔަތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ސިޔާސީ އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ޔުނައިޓެޑް މޯލްޑިވްސް އޮޕޮޒިޝަން (ޔޫއެމްއޯ)ގެ ލީޑަރަކަށް މިހާރުގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލު އަހްމަދު އައްޔަން ކުރެއްވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުއްވައި މޫސަ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެފަދަ ކަންކަން ކުރައްވަނީ އެބޭފުޅާއަކީ މިހާރު ސިޔާސީގޮތުން ފެއިލްވެފައި ހުންނެވި ބޭފުޅަކަށް ވުމުން ކަމަށެވެ.

ރައީސް ޔާމީނަށް ކޮން ބިރެއްތޯ ޖަމީލު ނެރެގެން ދެއްކޭނީ. އެވަރުގެ މީހެއްނަމަ ރައީސް ޔާމީނަށް އޭނާ ބޭނުން އިރަކު ކަންފަތް އަނބުރާލާފައި ބޭރަށް އެއްލައިލާނީ ކިހިނެއްތޯ. ރައީސް ޔާމީނު އަރިހުގަ ހުރެގެން ރައީސް ޔާމީނާ ނުތޮޅެވުނު މީހަކަށް ދެން އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުރެ ޖަމީލު ކީއްތޯ ކުރާނީ،ރީކޯ މޫސާ މަނިކު

ސަން ޓީވީގެ "ސިޔާސީ އޮއިވަރު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ޑރ. ޖަމީލު ނޫނަސް އެ މަގާމަށް އައްޔަން ކުރަން މާ ގާބިލު، އަދި މާ ފުރިހަމަ ބޭފުޅުން އެމްޑީޕީގައި އެބަތިއްބެވި ކަމަށެވެ.

"ރައީސް ނަޝީދަކީ ސިޔާސީގޮތުން ފެއިލްވެފައި ހުންނެވި ބޭފުޅަކަށްވީމަ އެހެން އެކަން ކުރަން ޖެހޭނީ. އެހެން ނޫންކަމަށް ވަނީވިއްޔާ އެމްޑީޕީ ތެރޭގަ އެބަތިބި ނަންކިޔާފަ ގުނާވަރަށް [އެމަގާމަށް ގާބިލް] މީހުން އެބަތިބި. ކޮބައިތޯ މިއަދު ޖަމީލުގެ ހުރި ވެއިޓަކީ ސިޔާސީގޮތުން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ "ގޮނޑު ހޮވާ އުސޫލުން، ތަންތަނުން ބާކީވެގެން އަންނަ މީހުން" އެމްޑީޕީއަށް އެފަދައިން ގުޅުވުމަކީ އެމްޑީޕީގައި ހަގީގަތުގައި ތިއްބެވި ބޭފުޅުންނަށް ބޭއިންސާފެއް ކަމަށެވެ. އަދި ޑރ. ޖަމީލް ފަދަ ބޭފުޅުން ބޭނުންކޮށްގެން މިއަދު އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަށް ބިރު ނުދެއްކޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ކޮން ބިރެއްތޯ ޖަމީލު ނެރެގެން ދެއްކޭނީ. އެވަރުގެ މީހެއްނަމަ ރައީސް ޔާމީނަށް އޭނާ ބޭނުން އިރަކު ކަންފަތް އަނބުރާލާފައި ބޭރަށް އެއްލައިލާނީ ކިހިނެއްތޯ. ރައީސް ޔާމީނު އަރިހުގަ ހުރެގެން ރައީސް ޔާމީނާ ނުތޮޅެވުނު މީހަކަށް ދެން އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުރެ ޖަމީލު ކީއްތޯ ކުރާނީ،" މޫސަ ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ވަކިވެގެން އަންނަ ބޭފުޅުން އެމްޑިޕީއާ ގުޅުވުމަކީ އެމްޑީޕީ ކަތިލެވިގެންދާނެ ފަދަ ކަމެއް ކަމަށެވެ. އެގޮތުން އެ ބޭފުޅުން އެމްޑީޕީއަށް ގުޅިވަޑައިގަތުމުން އޭރު އެމްޑީޕީގައި ތިއްބެވި ބޭފުޅުންގެ މެދުގައި ވެސް ވަރަށް ބޮޑަށް ހިޔާލު ތަފާތުވެގެން ދިޔަކަމަށް މޫސަ ވިދާޅުވި އެވެ.

"ވަހީދުގެ ސަރުކާރުގަ އެމީހުން، ބަގާވާތަށް ފަހު އެމީހުން ބުނީ އެމްޑީޕީ ފޮހެލުމޭ ތިމަންނަމެންގެ ބޭނުމަކީ. މިހާރު އެބޭފުޅުން އެ ތިއްބެވީ އެމްޑީޕީ ފޮހެލެވޭ ހިސާބުގައި ރަބަރު ހިފައިގެން. އެމީހުން އެކުރާ ކޮންމެ ކަމެއް، ރައީސް ނަޝީދަށް މައްސަލައެއް ނެތް ހަމަ ރައީސް ނަޝީދުގެ މޮޅުވާހަކަ އެމީހުން ދައްކައިފިއްޔާ މުސްތަޝާރެކޭ ތިމަންނައަކީ ދެން ހަމަ މުސްތަޝާރުވެފަ އިންނަންވީ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީއަށް އަދި ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މޫސަ ވިދާޅުވީ، ޑރ. ޖަމީލު ފަދަ ބޭފުޅުންނަށް މިއަދު އޮޔާދާ ބޮނބިގަނޑެއް ފެނުނަސް އެއަށް އަރަން މަޖުބޫރު ކަމަށާއި އެގޮތުން އެބޭފުޅުން ދިޔައީ އެމްޑީޕީއަށް ކަމަށެވެ. އަދި އެމްޑީޕީ އިން ޑރ. ޖަމީލު އަތުގައި ނުހިފި ނަމަ މިއަދު އެއީ ސިޔާސީގޮތުން ކިހާވަރެއްގެ ބޭފުޅެއްކަމާ މެދު މޫސަ ސުވާލު އުފެއްދެވި އެވެ.