03 Jun 2016, 21:01
ރެއާލް މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބް ކުރުމުން ފޯވާޑް ކުރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު 600،000 ޔޫރޯ ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާ އަކަށް ހަދިޔާކޮށްފިއެވެ.

ޗެމްޕިއަންސް ލީގް ކާމިޔާބް ކުރުމަށް ފަހު ރޮނާލްޑޯ ޓްރޮފީ އުފުލާލަނީ --- ފޮޓޯ: އޭޕީ
ސްޕެއިންގެ ނޫސްވެރިއަކާއި ހަވާލާދީ އެ ގައުމުގެ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ޗެމްޕިއަންސް ލީގް ކާމިޔާބް ކުރުމުން ރޮނާލްޑޯ އަށް ބޯނަސްގެ ގޮތުގައި ލިބުނު ހުރިހާ ފައިސާ އެއް ރޮނާލްޑޯ ވަނީ ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާ އަކަށް ހަދިޔާ ކޮށްފައި ކަމަށާއި އެ މެޗު ނިމުމުން ވެސް ރޮނާލްޑޯ ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ ބައްދަލުކޮށް އެ ކުދިންނާއި އެކު ފޮޓާ ނަގާފައި ކަމަށެވެ.
ޗެމްޕިއަންސް ލީގް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 5-3ގެ ނަތީޖާ އަކުން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދި މެޗުގައި ރެއާލް މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބް ކުރި ރޮނާލްޑޯ މިވަގުތު ދަނީ އިބީޒާގައި ރަޙްމަތްތެރިންނާއި އެކު ޗުއްޓީ ހޭދަކުރަމުންނެވެ.

ރޮނާލްޑޯ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާއި އެކު ----
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައި ޗެމްޕިއަންސް ލީގްގެ ތާރީހްގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯ އަށް އަހަރަކު 51 މިލިއަން ޕައުންޑް މުސާރަ އާއި އެހެނިހެން ގޮތް ގޮތުން ލިބެއެވެ. ކުޅިވަރު ކުޅުންތެރިންގެ ތެރެއިން މީގެ ކުރިން ވެސް ޗެރިޓީ އަށް ގިނަ އެހީތަކެއް ވެފައިވާ ރޮނާލްޑޯ އަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ތިން ވަނަ އަށް އެންމެ މުއްސަނދި ކުޅުންތެރިއާއެވެ.