03 Jun 2016, 20:56
ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ތަރާވީހް ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ގެންނަން ނިންމާފައިވާ ރާއްޖޭން ބޭރުގެ ހާފިޒުން ރާއްޖެ އަންނަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖޭން ބޭރުން ގެންނަން ހަމަޖެހިފައިވާ 92 އަށްވުރެ ގިނަ ހާފިޒުންގެ ތެރެއިން މިއަދު 48 ހާފިޒަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނާއި މެންދުރު ވެސް ވަނީ ބައެއް ހާފިޒުން ރާއްޖެ އައިސްފައެވެ.
ބާކީ ތިބި ހާފިޒުން މިރޭގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބުނީ، ރާއްޖެ ގެންނަ ހާފިޒުންނަކީ އިންޑިއާ އާ ސްރީލަންކާ އިން ގެންނަ ހާފިޒުން ކަމަށެވެ.
މިނިސްޓްރީން ބުނީ، ރަށްރަށުގެ މިސްކިތްތަކުގައި ހަތިމްކޮށް ހިފްޟުކޮށް ތަރާވީހް ނަމާދު ކުރުމަށް 86 ކައުންސިލަކުން އެދުނު ކަމަށެވެ.
އެ ހާފިޒުންގެ ހަރަދުތައް ބަލަހައްޓަނީ އިސްލާމިކް މިނިސްޓްރީންނެވެ.