03 Jun 2016, 20:53
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ފެސްޓިވަލެއް މިއަދު ފަށައިފި އެވެ.
އެ ފެސްޓިވަލަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފެސްޓިވަލެކެވެ. މިއަދު ހަވީރު ރަސްފަންނުގައި ފެށި ފެސްޓިވަލް ކުރިއަށްދާނީ މިއަދާއި އަދި މާދަމާގެ ހަވީރު 4:00 ފެށިގެން 6:00 ގެ ނިޔަލަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވިދާޅުވީ، އެފަދަ ފެސްޓިވަލެއް ބޭއްވުމުގެ އެންމެ މުހިންމު އެއް މަގްސަދަކީ ތިމާވެށި ރައްކާތެރިކޮށް، ހިމާޔަތްކޮށް، ކުރިއަށް އޮތް ޖީލުތަކަށް މި ތިމާވެށި ފޯރުކޮށްދިނުން ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ސްކޫލް ކުދިންނާއި އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަހަރު ތިމާވެށީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ދުނިޔޭގެ ތިމާވެށި ޖަމިއްޔާއިން ކަނޑައަޅާފައި ވަނީ "ދިރޭތަކެތީގެ ވަގުވިޔަފާރި އަށް އެއްވެސް ޖާގައެއް ނުދިނުން" ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ބައެއް ދިރޭތަކެތީގެ ނަސްލުތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާ ކަމަށާއި، ތިމާވެށި ހިމާޔަތްކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ދިރޭތަކެތި ހިމާޔަތްކުރުން ކަމަށެވެ. އެހެން ވާން ޖެހެނީ ދިރޭ ތަކެތީގެ ވަގު ވިޔަފާރީގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިއަދު ފެށި ފެސްޓިވަލުގައި ޖުމްލަ 30 ސްޓޯލް ހުރެއެވެ. އެ ހުރިހާ ސްޓޯލްތަކުން ވެސް، ރާއްޖޭގައި ނަސްލު ނެތިގެންދާނެކަމުގެ ބިރު ހީވެފައިވާ ދިރޭތަކެއްޗާއި އެތަކެތި ހިމާޔަތްކުރަން އާމުން ހޭލުންތެރިކުރާނެ އެވެ.
މިއަދު ފެށި ފެސްޓިވަލުގައި ސަރުކާރުގެ މުއައްސަސާތަކާއި ވުޒާރާތަކާއި ސްކޫލްތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ތިމާވެށިގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއް ބައިވެރިވެ އެވެ.