03 Jun 2016, 18:58
ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ އެ ކުލަބުގައި ދިގު މުއްދަތަކަށް މަޑުކުރާނެ ކަމަށް ބާސެލޯނާގެ ސްޕޯޓިން ޑައިރެކްޓަރު ރޮބާޓް ފާނަންޑޭޒް ބުނެފި އެވެ.
އުމުރުން 24 އަހަރުގެ ފޯވަޑް ހޯދުމަށް ވާދަވެރި ރެއާލް މެޑްރިޑާއި ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް އުޅޭ ކަމުގެ ވާހަކަތައް ވަނީ ފެތުރިފަ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު، ބާސެލޯނާ އާއެކު ނޭމާ ހަދާފައިވާ އެގްރީމަންޓު ހަމަވާ އިރު، ނޭމާ އެ ކުލަބު ދޫކޮށްފައި ނުދާނެ ކަމުގެ ޔަގީންކަން ރޮބާޓް ވަނީ ދީފަ އެވެ.
"ނޭމާ ކުލަބުގައި މަޑު ކުރާނެ. ދިގު މުއްދަތަކަށް އޭނާ ހުންނާނެ. އެގްރީމަންޓުގެ މުއްދަތު އިތުރު ކުރާނެ އިރެއް ކުލަބުން ފަހުން އިއުލާނު ކުރާނެ،" އޭނާ ބުނެފައިވެ އެވެ.
ނިމުނު ސީޒަނުގައި ބާސެލޯނާ އިން ދެ ތަށި ކާމިޔާބު ކުރި އިރު ނޭމާގެ ފަރާތުން އެ ކްލަބަށް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. އޭނާ ވަނީ ނިމުނު ސީޒަނުގައި ބާސެލޯނާއަށް 31 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ނޭމާގެ އިތުރުން، އެކްލަބުގެ އާޖެންޓީނާ ޑިފެންޑަރު ހާވިއާ މަޝަރާނޯ ވެސް ކުލަބު ދޫކޮށްފައި ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ރޮބާޓް ވަނީ ބުނެފަ އެވެ.

މަޝަރާނޯ: އޭނާ ބާސެލޯނާގައި މަޑުކުރާނެ ކަމަށް ކުލަބުން ބުނޭ ---
ބާސެލޯނާ އާއެކު މަޝަރާނޯ ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ދެ އަހަރު އޮތް އިރު، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާން އޭނާ އެއްބަސްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
"އަހަރުމެން އެއްބަސްވުމަކާ ހަމައަށް ދާނަން. އޭނާ [މަޝަރާނޯ] އަކީ ކުލަބަށް މުހިންމު ކުޅުންތެރިއެއް. އޭނާ ކުލަބުގައި މަޑުކުރާނެ ކަމާ މެދު އަހަރެން ޝައްކެއް ނުކުރަން،" ރޮބާޓް ބުންޏެވެ.
ދެހާސް ދިހަ ވަނަ އަހަރު ލިވަޕޫލުން، ބާސެލޯނާއަށް ބަދަލުވުމުވަށް ފަހު، މަޝަރާނޯ އަކީ ބަސެލޯނާގެ ސްކޮޑުން ގަވާއިދުން ފެންނަ ކުޅުންތެރިއެކެވެ.