ރޯދައަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެ އަދި އާންމުކޮށް މީހުން ބޭނުންކުރާ ސަރަޙައްދުތައް ސާފުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި އުފައްދާ ގިނަ އަދަދެއްގެ ކުނި މަގުމައްޗަށް ނެރެ، ޖަމާކުރާ ކުނިބުނި ދުވާރުމަތީގަ އާއި މަގުމަތީގައި ބަހައްޓަމުންގެންދާކަން ފާހަގަ ކުރެވިފައި ވާކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.

އެ އެޖެންސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޯދަ މަހަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ ސާފުކުރުމުގެ ހަރަކާތްތަކަށް ތާއީދުކޮށް އެކަމަށް ހިތްވަރުދޭ ކަމަށެވެ.

ނަމަވެސް އެފަދަ ހަރަކާތްތަކުގައި އުފައްދާ ކުނި މަގުމައްޗަށް ނެރެ، ދުވާރުމަތީގައާއި މަގުމަތީގައި ބަހައްޓަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށް އެޖެންސީގެ ބަޔާނުގައިވެ އެވެ.

ހަމަ އެއާއެކު އެކަމުގައި ސަބަބުން އާންމު ސާފުތާހިރުކަމަށާއި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށްވެސް އެ އެޖެންސީ އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ރަމަޟާންމަހާ ގުޅިގެން ހިންގާ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު އުފެދޭ ކުނި ވީހާވެސް މަދުކުރުމަށާއި، އުފައްދާ ކުނި މަގުމައްޗަށް ޖަމާކޮށްފައި ނުބެހެއްޓުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ އެޖެންސީ އިން ވަނީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ހިލާފަށް މަގުމަތީގައި ކުނި ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ބުނެފަ އެވެ.