މަދިރީގެ ސަބަބުން ފެތުރޭ ބައްޔެއް ކަމަށްވާފައިލޭރިޔާނުވަތަފައިފަލަ ބަލިރާއްޖެ އިން އެއްކޮށް ނައްތާލެވިފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މިއަދު އިއުލާނުކޮށްފި އެވެ.

ރާއްޖޭން ފައިލޭރިޔާ ނައްތާލެވިފައި ވާކަން މިއަދު އިއުލާނު ކުރި ނަމަވެސް، ރާއްޖޭން ފައިލޭރިޔާގެ ނިޝާނެއް އެންމެ ފަހުން ފެނިފައި ވަނީ މީގެ 12 އަހަރު ކުރިން، 2004 ވަނަ އަހަރު އެވެ.

ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާ އިން ވެސް އެ ބަލި ނައްތާލެވިފައި ވާކަން ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާނުކޮށްފަ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ރާއްޖެއާ ލަންކާއިން ހާސިލު ކުރި ކާމިޔާބުން ދައްކުވައިދެނީ އިންސާނުންގެ ފުރާނައަށް ނުރައްކާތެރި ބަލިތައް ނައްތާލުމަށް ކުރެވެމުން އަންނަ މަސައްކަތް ކާމިޔާބު ވަމުން އަންނަކަން ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މިއަދު ކުރި އިއުލާނާ އެކު ރާއްޖެ އަދި ލަންކާ ވެގެން ގޮސްފައި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި ފައިލޭރިއާ ނައްތާލެވުން ފުރަތަމަ ދެ ގައުމަށެވެ.

ރާއްޖޭން ފައިލޭރިޔާ ނައްތާލެވުމާ ގުޅިގެން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، އާބަދީގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

"ރާއްޖެ އަކީ ފައިލޭރިޔާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި މިއަދު އިއުލާނު ކުރެވިގެން ދިޔައީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެތައް ސަތޭކަ ހެލްތު ވޯކަރުން ވަރުބަލިކަމެއް ނެތި ކުރި ބުރަ މަސައްކަތުން،" އިރުތިޝާމު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ފައިލޭރިއާ އާންމުވެގެން ދިޔައީ 12 ވަނަ ގަރުނާއި 13 ވަނަ ގަރުނުގެ ތެރޭގަ އެވެ.

ފައިލޭރިޔާގެ އަލާމާތްތަކުގެ ތެރޭގައި ފަޔާއި، ޖިންސީގުނަވަން ހިމެނޭ ހިސާބުގައިވާ ލިމްފް ހޮޅިތައް ދުޅަވެ، ރިއްސާ ގޮތް ދިމާވެ އެވެ.

ރާއްޖެ އަކީ ފައިލޭރިޔާ ނެތް ގައުމެއްގެ ގޮތުގައި މިއަދު އިއުލާނު ކުރި އިރު ރާއްޖެއަކީ މެލޭރިއާ ނެތް ގައުމެއްގެ ގޮތުގައި މިދިޔަ އަހަރު ވަނީ އިއުލާން ކޮށްފަ އެވެ.