15 May 2011, 16:43
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ކޮންޓްރޯލާ އާދަމް ނަސީރު (އެޑަމް)ގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެފައިވާތީ، އޭނާގެ ކެންޑިޑެސީ ބާތިލުކުރަން ޖެހޭނެ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ޕާޓީ އަށް ޝަކުވާ ހުށަހަޅައިފި އެވެ.
އެމްޑީޕީގެ މެމްބަރަކު އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ )ޑރ. ޑީޑީ( އަށް ހުށަހަޅައިފައިވާ ސިޓީއެއްގައި ބުނެގައިވާ ގޮތުގައި، އާދަމް ނަސީރަކީ އިތުރު ދެމީހަކާ ބައިވެރިވެގެން ގްރޫޕް ހަަދައިގެން ހއ. ދިއްދޫ ހިޔާވަހިގެއަށް ވަދެ ވައްކަން ކޮށްގެން އެއް އަހަރާ އަށް މަސް ދުވަހަށް އަރުވާލަން ހުކުމްކޮށް ތަންފީޒުކުރި މީހެކެވެ.
އެ ސިޓީގައި ބުނެފައި ވަނީ، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހަކަށް އެމްޑީޕީގެ އިންތިހާބު 2011ގެ ގަވައިދުގެ 8.4 ގެ ދަށުން ކުރިމަތިނުލެވޭނެ ކަމަށާއި އާދަމް ނަސީރުގެ މައްޗަށް ސާބިތުވެފައި ވަނީ އެފަދަ ހުކުމެއް ކަމަށެވެ.
"އިސްލާމް ދީނުގައި ނިސާބު ހަމަނުވުން ހައްދު ކަނޑައެޅިފައިނުވާ ކުށްތަކަށް )ވައްކަމުގައިވިޔަސް( ތައުޒީރުކުރުމަކީ ހާކިމާއަށް ކަމުގެ ކުޑަބޮޑު މިންވަރަށް ބަލައި އަދަބު ބަދަލުކުރެވިދާނެ ކަމަކަށް ވިޔަސް، އިސްލާމް ދީނުގައި ނިސާބު ހަމަވާ ވައްކަމަކީ އިސްލާމް ދީނުގައި ހައްދު ކަމަކަށް ވެފައި، އާދަމް ނަސީރު ހިންގެވި ގްރޫޕް ވައްކަމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ވައްކަމަކަށްވާތީ އިތުރު އެއްވެސް ޝަރުތެއް ނެތި އާދަމް ނަސީރުގެ ކެންޑިޑެސީ ބާތިލުކޮށް އޭނާ އަށް އެކަން އެންގުމަށް ދަންނަވަމެވެ،" އެ ސިޓީގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ އިންތިހާބުގެ ގަވައިދުގައި 8.4 ގައި ބުނެފައި ވަނީ، "އިސްލާމްދީނުގައި ހައްދެއް ކަނޑައަޅެފައިވާ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން" އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ނަމަވެސް، ހަމަ އެ ގަވައިދުގެ 8.7 ގައި، ވޭތުވެދިޔަ 10 އަހަރުތެރޭގައި ވައްކަމާއި ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެފައި ނުވާ މީހަކު ކަމުގައި ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، 8.4 ވަނަ މާއްދާއާއި 8.7 އެއް ފުށުއަރަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެޑަމްގެ މައްޗަށް ދިއްދޫ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމްކޮށްފައި ވަނީ 1994 ވަނަ އަހަރުގަ ޖުލައި މަހުގަ އެވެ. އޭރު އޭނާއަށް 16 އަހަރު ވެސް ނުވެ އެވެ.
އެޑަމްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހެޅި ސިޓީގައި ވަނީ، އިންތިހާބު ބޭއްވުމުގެ ކުރިން އެ މައްސަލަ ޕާޓީގެ ވަގުތީ ރައީސަކަށް އޭރު ހުންނެވި އިބްރާހިމް ހުސެއިން ޒަކީ އަށް އެހެން މެމްބަރަކު ވެސް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އޭރު އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލައާ މެދު ގޮތެއް ނިމެންދެން އޭނާ ހޮވުނު ދާއިރާ ކަމުގައިވާ މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމުގެ ދާއިމީ ނަތީޖާ ހިފެހެއްޓުމަށް ވެސް އެ ސިޓީގައި ވަނީ އެދިފަ އެވެ. ނަމަވެސް، އެ ދާއިރާއާ ގުޅޭ އެހެން ޝަކުވާތަކަކާ ގުޅިގެން މިހާރު ވެސް އެ ނަތީޖާ ހިފަހައްޓައިފަ އެވެ.
މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން 1513 ވޯޓާއެކު އެޑަމް ކާމިޔާބުކުރައްވައިފައިވާއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ތިލަފުށި ކޯޕަރޭޝަނުގެ ޗެއާމަން އޯކޭ ޒާހިރެވެ.
އިންތިހާބާ ބެހޭ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ގަސަމް ވިދާޅުވީ، އިންތިހާބު ނިމޭތާ ތިން ދުވަހުގެ ތެރޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ފަހުން ހުށަހަޅާ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭ ކަމަށެވެ. އެހެންކަމުން މިއަދު ފޮނުވި އެ ސިޓީ ވެސް ބަލައިނުގަނެވޭ ކަމުގައި އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ތި ސިޓީ ލިބިފައެއް ވެސް ނެތް އަދި. އެކަމަކު އިންތިހާބާ ބެހޭ ގަވައިދުގައިވާ ގޮތުން އިންތިހާބު ނިމޭތާ ތިން ދުވަހުގެ ތެރޭ ޝަކުވާ ހުށަހަޅަން ޖެހޭނެ. އެހެންވެ، ތި ޝަކުވާ އަޅުގަނޑުމެންނަށް ބަލައިގަނެވޭކަށް ނޯންނާނެ،" ގަސަމް ވިދާޅުވި އެވެ.
އަދި ޕާޓީގެ ވަގުތީ ރައީސަށް ޝަކުވާއެއް ފޮނުވިޔަސް އިންތިހާބާ ބެހޭ ކޮމިޓީއަށް ނުފޮނުވާހާ ހިނދަކު އެ މައްސަލައެއް ނުބެލޭނެ ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.
އާދަމް ނަސީރު މިއަދު ވިދާޅުވީ، އެ ކަމަކީ އޭނާ އަށް ލިބުނު "ލަނޑެއް" ކަމަށާއި އެ ހުކުމް އިއްވެވި ގާޒީއާ ދެކޮޅަށް މައްސަލަ ހުށަހެޅުމަށް އޭނާގެ ލޯޔަރުންގެ ޓީމާ މަޝްވަރާކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދުގެ މައްޗަށް 2001 ވަނަ އަހަރު ވައްކަމުގެ ކުށް ސާބިތުވެފައިވާތީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހަޅައިފަ އޮތް ޝަކުވާއަކާ ގުޅިގެން އެ ދާއިރާގެ ނަތީޖާ ވެސް އޮތީ ހިފަހައްޓައިފަ އެވެ.