އިސްތަށިގަނޑުގައި 62 ފޫޓު ހުންނަ އިންޑިއާގެ ފިރިހެނަކު، ދުނިޔޭގެ އެންމެ އިސްތަށިގަނޑު ދިގު މީހާގެ ލަގަބު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އިންޑިއާގެ ސުރެންދުރަނަގަރުގައި ދިރިއުޅޭ އުމުރުން 60 އަހަރުގެ ސަވްޖިބާއީ ރަތުވާގެ އިސްތަށިގަނޑު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ރަތުވާ އާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، އޭނާ އިސްތަށިގަނޑު ދިގު ކުރާތާ މިހާރު ވަނީ އެތައް އަހަރެއް ވެފަ އެވެ.

ރަތުވާ އޭނާގެ އިސްތަށިގަނޑު ގެންގުޅެނީ ރޯނު ފޯއްޔެއްހެން އަތުގައި އޮޅައިގެންނެވެ. ރަތުވާ ބުނީ އިސްތަށިގަނޑު ވަރުގަދަކޮށް އަދި ރީތިކޮށް ބޭއްވުމަށް ވަރަށް ގިނަ މޭވާ އާއި ތަރުކާރީ ކެއުމުގައި ބޭނުން ކުރާ ކަމަށެވެ.

އަދި ދެ ދުވަހުން އެއް ދުވަހު އިސްތަށިގަނޑު ދޮވުމުގައި ތިން ގަޑި އިރު ހޭދަކުރާ ކަމަށާއި އިސްތަށިގަނޑު ހިއްކަނީ "އަވީލައިގެން" ކަމަށް އޭނާ ބުނެފައިވެ އެވެ.

ދުނިޔޭގެ އެންމެ އިސްތަށިގަނޑު ދިގު މީހާގެ ރެކޯޑު ހޯދުމަށް ރަތުވާ މަސައްކަތް ފަށާފައި ވާއިރު، އިންޑިއާގެ އަމިއްލަ ފަރާތަކުން އަންނަނީ އޭނާ އަށް އެހީވަމުންނެވެ.

ދުނިޔޭގެ އެންމެ އިސްތަށިގަނޑު ދިގު މީހާގެ ރެކޯޑު މިހާރު އޮތީ ޗައިނާގެ ޝީ ކިއުޕިންގ އަތުގަ އެވެ. ދެހާސް ދިހަ ވަނަ އަހަރު ޝީ ދުނިޔެ ދޫކޮށްފައިވާ އިރު، އޭނާގެ އިސްތަށިގަނޑުގައި ހުރީ 22 ފޫޓެވެ.