ޝިލްޕާ ޝެޓީ އަދި ރާޖް ކުންދުރާގެ ހަތް އަހަރު ވީ ކައިވެނި، ވަރިއާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރާޖް ދޮގުކޮށްފި އެވެ.

ބޮލީވުޑުގެ ޖޯޑުތައް ވަރިވެ އެއްބަޔަކު ކައިވެނީގެ ގޮށް ޖަހަމުން އަންނަ ދުވަސްވަރެއްގައި، ޝިލްޕާ އަދި ރާޖް ވެސް ވަރިވާން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވާހަކަތައް ދޮގު ކުރަމުން ޝިލްޕާގެ ފިރިމީހާ ބުނެފައި ވަނީ، އެ ވާހަކަތައް ފެންމަތިވެގެން އުޅެނީ ރާޖް މާ ބުރަކޮށް އުޅޭތީ ޝިލްޕާ އަދި ދަރިފުޅަށް ވަގުތު ނުދެވޭތީ، ޝިލްޕާ ރައްޓެއްސެއްގެ ގާތުގައި އެކަމުގެ ޝަކުވާ ކުރުމުން ކަމަށެވެ.

ޝިލްޕާ އާއި ރާޖް އެ ދެމީހުންގެ ހަތަރު އަހަރުގެ ދަރިފުޅާ އެކު: ދެމީހުން ވަރިވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރާޖް ވަނީ ދޮގުކޮށްފައި --

ރާޖް ކުންދުރާ ބުނެފައި ވަނީ މަސައްކަތުގައި ދުވާލުގެ 20 ގަޑިއިރު ހޭދަކުރާ ކަމަށާއި، ގެއަށް ދެވެނީ ފެންވަރަން އެކަނި ކަމަށެވެ.

ނަމަވެސް ދެމީހުންގެ ދޭތެރޭގައި މައްސަލައެއް ޖެހިފައި ނުވާ ކަމަށާއި، ޝިލްޕާގެ އުފަންދުވަހަށް ވެސް ބޮޑު ސަޕްރައިޒެއް ތައްޔާރުކޮށްފައިވާ ކަމަށް ރާޖް ވަނީ ބުނެފަ އެވެ.

ޝިލްޕާ އާއި ރާޖް ކައިވެނިކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ. މިހާރު އެ ކައިވެންޏަށް ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ.