އިދިކޮޅު ފަރާތްތަކުންޔުނައިޓެޑް މޯލްޑިވްސް އޮޕޮސިޝަން (ޔޫއެމްއޯ)ގެ ނަމުގައި ގުޅިގެން މަސައްކަތްތަކެއް ފެށީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނެސް، އެމަނިކުފާނު ވެރިކަމުން "ވައްޓާލަން" ކަމަށް އެ ކޯލިޝަންގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ޔޫއެމްއޯ އިން އިއްޔެ ލަންޑަނުގައި ބޭއްވި ބައްދަލުވުމަށް ފަހު މިއަދު ރާއްޖެއަށް ވަޑައިގެން، އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ފެށި މަސައްކަތުގެ ދަށުން ފުރަތަމަ ކުރާނެ ކަމަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށެވެ.

މަހުލޫވި ވިދާޅުވީ، މިހާރު އެއް މޭޒަކަށް އަރައި ތިއްބެވީ އެކަކު އަނެކަކަށް އެކި ގޮތްގޮތުން ހޫނު ހަމަލާތަކެއް ދިން ބައެއް ނަމަވެސް، އެ މައްސަލަތަކަށް ވުރެ ރައްޔިތުންގެ މަސްލަހަތު މާބޮޑަށް ވެސް މުހިންމު ކަމަށެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑު ހަމަ މީޑިއާ މެދުވެރިކޮށް ދަންނަވާލަން ބޭނުން އަޅުގަނޑުމެން މި މަސައްކަތް މި ކުރާ ސަބަބަކީ ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރުން. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަންވެގެން އަޅުގަނޑުމެން މި މަސައްކަތް މި ފެށީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ވާނެ. އަޅުގަނޑުމެންގެ މަސައްކަތުގައި ރައީސް ނަޝީދު ވެސް އަދި މިހާރު އަޅުގަނޑުމެންގެ ލީޑަރެއްގޮތުގައި ހުންނެވި ޑރ. ޖަމީލުވެސް ބައިވެރިވެވަޑައިގަންނަވާނެ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ، މިއަދު ސަރުކާރު ބަދަލުނުކޮށްފި ކަމުގައިވާ ނަމަ "މިއަދު އަޅުގަނޑުމެން އަތުން ގެއްލުވާލަމުން ފޭރެމުން މިދާ ހައްގުތައް އަލުން އަޅުގަނޑުމެންނަށް ލިބޭނެކަމާ މެދަކު އެއްވެސް ޔަގީންކަމެއް ނެތް" ކަމަށެވެ.

މިހާރު ކަންތައްތައް ވަމުންދާ ގޮތުން 2018 ގައި ވެރިކަމުގެ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިލެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ބޭނުންވަނީ މި ސަރުކާރު ބަދަލުކޮށްފަ، އިންތިގާލީ މަރުހަލާގަ ސަރުކާރު ހިންގާ ފަރާތަކީ ޑރ. ޖަމީލަށް ވެވަޑައިގެންފަ ކޮންމެ ދިވެހި ރައްޔިތަކަށް، ކޮންމެ ސިޔާސީ ޕާޓީއެއްގެ ކޮންމެ ލީޑަރަކަށް އެންމެ ނިކަމެތި މީހާއަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެވަރުގެ މިނިވަން އިންސާފުވެރި ގޮތަކަށް އިންތިހާބު ގެންދަން،" މަހުލޫފު ވިދާޅުވި އެވެ.