03 Jun 2016, 14:56
ބޮލީވުޑް އަދި ހޮލީވުޑުގެ ކާމިޔާބު ތަރި ޕްރިޔަންކާ ޗޯޕްޅާގެ މަންމަ ފަރާތު މާމަ މިއަދު މަރުވެއްޖެ އެވެ. މަރުވި އިރު ޕްރިޔަންކާގެ މާމަގެ އުމުރަކީ 94 އަހަރެވެ.
ޕްރިޔަންކާ އަދި އޭނާގެ މާމަ އަކީ ވަރަށް ގާތް ދެމީހުންނެވެ. ޕްރިޔަންކާ ދާ ބޮޑެތި ހަފްލާތަކަށް އަބަދުވެސް އޭނާގެ މާމަ ގެންދެ އެވެ. އަދި ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އަބަދުވެސް އޭނާގެ މާމަ ކައިރިއަށް ޒިޔާރަތްކޮށް ހަދަ އެވެ.
އެންމެ ފަހުން ޕްރިޔަންކާގެ މާމަ ފެނިފައި ވަނީ، އިންޑިއާގެ ރައްޔިތުންނަށްދޭ ހަތަރު ވަނަ އަށް އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ޕަދްމާ ޝްރީ އެވޯޑް ޕްރިޔަންކާ އަށް ހަވާލު ކުރި ހަފްލާގެ ތެރެއިންނެވެ.

މާމަގެ އުފަންދުވަހު ޕްރިޔަންކާ އިންސްޓަގްރާމް ކުރި ފޮޓޯ ---
ޕްރިޔަންކާގެ މާމަގެ 94 ވަނަ އުފަންދުވަސް ފާހަގަ ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހު ޕްރިޔަންކާ ވަނީ އޭނާ ވަރަށް ކުޑަ އިރު މާމަ އާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ.
ޕްރިޔަންކާގެ ބައްޕަ މަރުވެފައި ވަނީ 2013 ވަނަ އަހަރު، ކެންސަރު ބަލީގަ އެވެ.