03 Jun 2016, 14:35
އަދަބު ދިނުމުގެ ގޮތުން ޖަޕާނުގެ އުތުރުގައި އޮންނަ ހޮއްކައިޑޯގެ ފަރުބަދަ މަތީގައިވާ ޖަންގަލި ތެރެއަށް ދޫކޮށްލި ހަތް އަހަރުގެ، ޔަމާޓޯ ޓަނޫކާ ހެޔޮ ހާލުގައި ހުއްޓައި ފެނިއްޖެ އެވެ.
ޔަމާޓޯ ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މީގެ ހަފްތާއެއް ފަހުންނެވެ. އަދި އޭނާ ހޯދުމަށް ހަފްތާއެއް ވަންދެން ޖަޕާނުގެ ފުލުހުންގެ ބޮޑު ޓީމެއް އައީ ހަރަކާތްތެރިވަމުންނެވެ.
ޔަމާޓޯ ގެއްލިފައި ވަނީ، އަދަބެއް ދިނުމުގެ ގޮތުން އޭނާގެ މައިންބަފައިން އޭނާ ޖަންގަލި ތެރެއަށް ދޫކޮށްލުމުންނެވެ. ޔަމާޓޯގެ މައިންބަފައިން ބުނީ ކާރުތަކަށް ގާ އުކާތީ އަދަބު ދިނުމަށް އޭނާ އެކަނި ބެހެއްޓުމަށް ފަހު އޭގެ ކުޑަ އިރުކޮޅެއް ފަހުން ދިޔަ އިރު ޔަމާޓޯ ފެންނަން ނެތް ކަމަށެވެ.
މިއަދު ހެނދުނު ޔަމާޓޯ ފެނިފައި ވަނީ އޭނާގެ މައިންބަފައިން އޭނާ ދޫކޮށްލި ހިސާބާ ހަތަރު ކިލޯ މީޓަރު ދުރުގައި ހުރި ޖަޕާނު އަސްކަރީ ބޭސް އެއްގެ އިމާރާތެއްގެ ތެރެއިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
"އަހަރުމެއްގެ ސިފައިންގެ މީހަކު މިއަދު ހެނދުނުގެ ޑްރިލް އަށް ތައްޔާރުވާން ވެގެން އެ އިމާރާތުގެ ދޮރު ހުޅުވައިލި އިރު އެތަނުގައި އެކުއްޖާ އިނީ،" ޖަޕާނު އަސްކަރިއްޔާގެ އޮފިސަރަކު ބުނެފައިވެ އެވެ.
އަސްކަރިއްޔާ އާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ޔަމާޓޯ ފެނުނު އިރު އޭނާގެ ހާލު ރަނގަޅެވެ. ނަމަވެސް އޭނާ އިނީ ވަރަށް ބޮޑަށް ބަނޑުހައިވެފައި ކަމަށާއި އަސްކަރިއްޔާ އިން ޔަމާޓޯ އަށް ކާން ދީފައިވާ ކަަމަށް އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ.
ޔަމާޓޯ މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އޭނާގެ ހަށިގަނޑުގެ ފިނިހޫނުމިން ކުޑަކޮށް ދަށްވުން ފިޔަވައި އިތުރު މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ނަމަވެސް ޔަމާޓޯ އަދި އެއް ދުވަހު ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ޔަމާޓޯގެ މައިންބަފައިން ވަނީ އެމީހުންގެ އަމަލުތަކަށް މައާފަށް އެދިފަ އެވެ. ޔަމާޓޯގެ ބައްޕަ ބުނީ އެމީހުންނަށް މާބޮޑަށް ހަރުކަށި ވެވުނީ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދަރިފުޅަށް އިތުރަށް ފަރުވާތެރި ވާނެ ކަމަށެވެ.
ޔަމާޓޯ އާ ހަވާލާދީ ސީއެންއެންގައި ބުނެފައި ވަނީ، އަސްކަރިއްޔާގެ އިމާރާތަށް އޭނާ އަށް ދެވުނީ ހާދިސާ ހިނގި ދުވަހުގެ ރޭ ކަމަށެވެ. ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ހުރި އެ އިމާރާތުގެ ތެރޭގައި ޔަމާޓޯ ހަ ދުވަސް ހޭދަކޮށްފައިވާ އިރު، އެއްވެސް އެއްޗެއް ކައިފައެއް ނުވެ އެވެ.
ނަމަވެސް އިމާރާތުގެ ބޭރުގައި ހުރި އިސްކުރަކުން ފެން ބުއި ކަމަށާއި، ނިދީ އެ އިމާރާތުގެ ތެރޭގައި އޮތް ދެ ރަޖާގަނޑުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
ޔަމާޓޯ ޖަންގަލި ތެރެއަށް ގެއްލުމަށް ފަހު، ޖަޕާނުގެ ފިނިހޫނުމިން ވަނީ ހަތް ޑިގްރީއަށް ވެއްޓިފަ އެވެ. އަދި އޭގެ ފަހުން ބޯކޮށް ވާރޭ ވެސް ވަނީ ވެހިފަ އެވެ.