03 Jun 2016, 15:34
ބާލިން(ޖޫން 3): ރަޝިޔާއާ ކުރިމަތިލުމަކަށް ދިޔުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ނޭޓޯއިން ބުނެފިއެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވީ ރަޝިޔާއާ ކުރިމަތިލައި ފިނި ހަނގުރާމައަކަށްދިޔުމުގެ އެއްވެސް ރޭވުމެއް އަދި ޚިޔާލެއްވެސް ނޭޓޯ ނުގެންގުޅޭކަމަށާއި ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ނޭޓޯއިން ބަރުހަތިޔާރު ބަހައްޓައި އަސްކަރީ ބާރުވަރުގަދަ ކުރަނީ ރަޝިޔާއާ ކުރިމަތިލުމުގެ މަގްސަދުގައި ނޫންކަމުގައެވެ.
ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކަލްއާއެކު ބާލިން ގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ސްޓޯލްޓަން ބާގް ވިދާޅުވީ ނޭޓޯވަނީ ރަޝިޔާއާއެކު ފިނިހަނގުރާމައިގެ ހާލަތުގައި ނޫންކަމަށާއި އަދި އެފަދަ ހާލަތަކަށް ދާންވެސް ބޭނުންނުވާކަމުގައެވެ. މީގެއިތުރުން ރަޝިޔާއާއެކު ހަތިޔާރުގެ ރޭހަކަށް ނުކުންނަންވެސް ނޭޓޯ ބޭނުންނުވާ ކަމަށް ސްޓޯލްޓަން ބާގް ވިދާޅުވިއެވެ.
ނޭޓޯއަކީ ދުނިޔޭގައިވާ އަސްކަރީ ގޮތުން އެންމެ ބާރުގަދަ އަދި އެންމެ ބޮޑު ޖަމާއަތެވެ. އެމެރިކާއާއި ކެނެޑާގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކަކީ ނޭޓޯގެ މެންބަރު ގައުމުތަކެކެވެ. ނަމަވެސް އަފްޣާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ކުރި 13 އަހަރުގެ ދިގު ހަނގުރާމައިގާވެސް ނޭޓޯއަށް ތާލިބާނުން ގެ މައްޗަށް ކާމިޔާބު ހޯދިފައެއް ނުވެއެވެ.

ރަޝިޔާގެ ރައީސް ވްލަޑމިޔަރ ޕޫޓިން
ނޭޓޯއިން ޔޫރަޕްގައި ބަރުހަތިޔާރު ރުކުރުވާލަމުންދާ މައްސަލާގައި ރަޝިޔާ ވަނީ އެކަމާދެކޮޅަށް ތެދުވާނެ ކަމުގެ އިންޒާރު ދީފައެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވެފައިވަނީ ނޭޓޯއިން ރަޝިޔާގެ އަވަށްޓެރި ގައުމުތަކުގައި ބަރުހަތިޔާރު ރުކުރުވާލަނީ ރަޝިޔާއަށް އަމާޒުކޮށްގެން ކަމަށާއި އެކަމާ ދެކޮޅަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ރަޝިޔާއިން އަޅާނެ ކަމުގައެވެ.
ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔަފަހުން ރަޝިޔާވަނީ އަސްކަރީ ޓެކްނޮލޮޖީއާއި ހަތިޔާރުގެ ސިނާއަތު ވަރަށްބޮޑަށް ތަރައްގީ ކޮށްފައެވެ. ދުނިޔޭގައި އަސްކަރީ އެންމެ ބޮޑު ދެބާރަކީ އަދިވެސް އެމެރިކާއާއި ރަޝިޔާއެވެ. ތިންވަނަ ބާރަކީ ޗައިނާއެވެ. ނޭޓޯއާއި ރަޝިޔާއަކީވެސް އެއްފަރާތް އަނެއް ފަރާތާ އަސްކަރީ ގޮތުން ކުރިމަތިލައިގެން ކާމިޔާބު ލިބޭވަރުގެ ބައެއް ނޫނެވެ. (ރޮއިޓާސް)