އިންޓާނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް]ގެ ސްޓޭންޑް ބައި އެރޭންޖްމަންޓް އަދި އެގްޒޯޖެނަސް ޝޮކްސް ފެސިލިޓީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމް ހިނގަމުންދާ ގޮތުގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ޓަކައި މިހާރު ރާއްޖެ އަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އައިއެމްއެފްގެ ވަފުދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ އިގްތިސާދީ ސިޔާސަތަށް ސަރުކާރުން ގެންނަމުން ގެންދާ ބަދަލުތަކާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ، އައިއެމްއެފްގެ ވަފްދުގެ ބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި ސަރުކާރުން، މި މަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ހަމަޖައްސަވާފައިވާ އިގްތިސާދީ އިސްލާހީ ބަދަލުތަކާ ބެހޭ މައުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާ އައިއެމްއެފްގެ ވަފުދުގެ ބޭފުޅުންނަށް ދެއްވި ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި، އައިއެމްއެފްގެ މިޝަންގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް އާމްދަނީ ލިބޭ ގޮތްތަކަކީ ދެމެހެއްޓެނިވި ގޮތްތަކަކަށް ހެދުމަށް، ސަރުކާރުގެ ސިޔާސަތަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކަށް މަރުހަބާ ވިދާޅުވި އެވެ. އަދި، ދިވެހި ފައިސާ އިން، އެމެރިކާ ޑޮލަރުގެ އަގު ކަނޑައަޅާ ގޮތަށް ގެންނެވި ބަދަލާ ގުޅިގެން، ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީއަށް ބަދަލު ގެނައުމުގެ މުހިންމުކަން އައިއެމްއެފްގެ ވަފުދުގެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން، އައިއެމްއެފްގެ މިޝަންގެ ބޭފުޅުން މިފަހަރު ރާއްޖެ އަށް މިކުރެއްވި ޒިޔާރަތާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އަށް ދެއްވި އެވެ. އަދި އެ ވަފުދުގެ ފަރާތުން ރާއްޖޭގެ ކަމާބެހޭ ހުރިހާ ފަރާތްތަކާ އެކު ބޭއްވެވުމަށް ހަމަޖައްސަވާފައިވާ ބައްދަލުވުންތަކަށް ފަހު، އެކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނެ ކަމުގައި ވެސް އައިއެމްއެފްގެ ވަފުދުގެ ބޭފުޅުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ބޭއްވުނު މަޝްވަރާތަކުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ އިގްތިސާދީ އިސްލާހީ ބަދަލުތައް މަޖިލީހުން ފާސްވުމަކީ، އައިއެމްއެފް އިން ރާއްޖޭގައި ހިންގާ އެހީގެ ޕްރޮގްރާމް އަލުން ފެށުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެކަން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.