ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން ކޯޓު އަމުރަކަށް އެދި ކޮމިޝަނަރ އޮފް ޕޮލިސް ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މުހުތާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން ހެކިބަސް ނެގުމަށް ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުހުތާޒު ވިދާޅުވީ ސީޕީ އަރީފް އެފަދަ ކޯޓު އަމުރަކަށް އެދިވަޑައިގަތީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައި ހުންނަވަނިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ފަހުން އެ މައްސަލަ އަރީފް އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

މުހުތާޒު ވިދާޅުވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ދިފާއީ ހެއްކެއްގެ ގޮތުގައި ސައުދީ ހާޒިރުކޮށްދޭން މުހުތާޒުގެ ފަރާތުން އެދިވަޑައިގެންފައިވާއިރު، އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ހެކިބަސްދޭން ބޭނުންނުވާ ކަމަށް ސައުދީ ވިދާޅުވެފައިވާ ކަމަށެވެ.

ބާރީ ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ކޯޓުން ގެންނާނީ ދައުލަތުން ހުށަހަޅާ ހެކީން އެކަނިކަމަށެވެ.