ފްރާންސްގައި މި މަހުގެ 10 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ނިމެން ދަނިކޮށް، ޑިފެންޑަރު ކްރިސް ސްމޯލިން ޖެހި ލަނޑާއެކު، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޕޯޗުގަލް އަތުން އިންގްލެންޑް މޮޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕޯޗުގަލްގެ މައްޗަށް އިނގިރޭސިން ކުރި ހޯދީ 1-0 ލަނޑުންނެވެ. ރޭގެ މެޗުގައި އިނގިރޭސި މުހިންމު ކުޅުންތެރިންތަކެއް ހިމަނައިގެން ކުޅުނު އިރު، ޕޯޗުގަލް އިން މެޗު ފުރިހަމަކުރީ އެ ޓީމުގެ ތަރި އަދި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުލަ އެވެ.

ޔޫރޯ އަށް ތައްޔާރުވުމަށް ރޭ ޕޯޗުގަލް އާއި އިނގިރޭސިން ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން އިނގިރޭސިން މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

ރޭގެ މެޗުގެ 23 ވަނަ މިނެޓުގައި އިނގިރޭސި ޓީމުގެ ވޭން ރޫނީ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކައިލް ވޯކާ ނަގައިދިން ހުރަހަކުން ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ރޫނީ ބޮލުން އުފެއްދި ހަމަލާ އަމާޒުވީ ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރިސިއޯއާ ދިމާލަށެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޕޯޗުގަލް އަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖޮއާއޯ މޫޓީނިއޯ ނަގައިދިން ހުރަހަކުން ޕޯޗުގަލްގެ ޑިފެންޑަރު ރިކާޑޯ ކަވާޅިއޯ ބޮލުން އުފެއްދި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ހެރީ ކޭން އަށް ކުރި ފައުލަކާ ގުޅިގެން ޕޯޗުގަލްގެ ޑިފެންޑަރު ބްރޫނޯ އަލްވޭސް އަށް ރަތް ކާޑެއް ދެއްކި އެވެ. އޭނާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން ޕޯޗުގަލް އިން މެޗުގެ ބާކީބައި ފުރިހަމަ ކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔޫރޯ އަށް ތައްޔާރުވުމަށް ރޭ ޕޯޗުގަލް އާއި އިނގިރޭސިން ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން އިނގިރޭސިން މޮޅުވީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ

ދެވަނަ ހާފުގެ ފުރަތަމަ 10 މިނެޓު، ކުރިއަށް ޖެހިގެން ޕޯޗުގަލް އިން ކުޅުނު ނަމަވެސް ފަހުން އެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، އިނގިރޭސި ޓީމުގެ ޑެނިއެލް ސްޓްރިޖް އަށް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އޭނާ އަށް ހިފިފައެއް ނުވެ އެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، އިނގިރޭސިންނަށް ލީޑު ހޯދައިދިނީ މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު ކްރިސް ސްމޯލިން އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރަހީމް ސްޓާލިން ނަގައިދިން ރީތި ހުރަހަކުން ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

ޔޫރޯ 2016ގެ ގްރޫޕް ބީގައި ރަޝިއާ އާއި ވޭލްސް އަދި ސްލޮވާކިއާ އާއެކު "ގްރޫޕް ބީ"ގައި އިނގިރޭސިން ހިމެނުނު އިރު، ޕޯޗުގަލް ހިމެނެނީ އަޔަލެންޑާއި އޮސްޓްރިއާ އަދި ހަންގޭރީ އާއެކު "ގްރޫޕް އެފް"ގަ އެވެ.