އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ލާއޮސްގެ މައްޗަށް 0-1ގެ ނަތީޖާ އަކުން ކުރި ހޯދައިގެން އޭސިއަން ކަޕަށް ކޮލިފައިވުމުގެ އުންމީދު އަވައްޓެރި އިންޑިއާ އިން ބޮޑު ކޮށްފިއެވެ.

ލާއޮސްގައި ރޭ ކުޅުނު އެ މެޗުގައި އިންޑިއާ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އިންޑިއާ އިން ކާމިޔާބް ކުރި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބް ކޮށް ދިނީ މެޗުގެ ދެވަނަ ހާފްގެ 54 ވަނަ މިނެޓްގައި ޖޭޖޭ ލާލުޕެކްލުއާ އެވެ.

އެ ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގްގެ މެޗު އަންނަ އަންގާރު ދުވަހު އިންޑިއާގައި ކުޅުމަށް ހަމަޖެހިފައިވާ އިރު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެއްވަރު ކޮށްލައިގެން ވެސް އިންޑިއާ އަށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެވެ.

މި ސަރަހައްދުގެ ފުޓްބޯޅައިގެ ރަސްގެފާނުންގެ ގޮތުގައި ބެލެވޭ އިންޑިއާ އިން އަންނަނީ އޭޝިއަން ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރެވޭތޯ އެ މުބާރާތަށް ވަރަށް ދުރާލައި ތައްޔާރު ވަމުންނެވެ. ތިން ފަހަރު އޭޝިއަން ކަޕްގައި ކުޅެފައިވާ އިންޑިއާ އަށް އެ މުބާރާތުގައި ލިބުނު އަންމެ ބޮޑު ކާމިޔާބީ އަކީ 1964 ވަނަ އަހަރުގެ ރަނަރަޕް އެވެ.

ކޮލިފިކޭޝަންގައި ކުޅުނު އެހެން މެޗުތަކަށް ބަލާއި އިރު ޗައިނީސް ތައިޕޭ އާއި ކެމްބޯޑިއާ ކުޅުނު މެޗު ވަނީ 2-2ގެ ނަތީޖާ އަކުން އެއްވަރުވެފައެވެ. މެލޭޝިއާ 3-0ގެ ނަތީޖާ އަކުން ޓިމޯ ލެސްޓޭގެ މައްޗަށް ކުރި ހޯދިއިރު ބަންގާޅުގެ މައްޗަށް 0-5ގެ ނަތީޖާ އަކުން ތަޖަކިސްތާން ވަނީ ކުރި ހޯދާފައެވެ.