03 Jun 2016, 10:51
އޭޝިއަން ކަޕް 2019 ކޮލިފައިންގެ ޕްލޭ އޯފްގައި ރާއްޖޭގެ މައްޗަށް ކުރި ހޯދުމުގައި ގައުމީ ޓީމްގެ ނުރައްކާތެރި ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ނެތުމުން ފަސޭހަވި ކަމަށް ޔަމަން ކޯޗު އަބްރަހަމް އިބްރަތޫ ބުނެފިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އަބްރަހަމް ބުނީ އެ މެޗަށް ތައްޔާރުވިއިރު ރާއްޖޭގެ ގައުމީ ޓީމާ ގުޅޭ ގޮތުން ލިބިފައިވާ އެންމެ މުހިންމު ހަބަރަކީ ޓީމުގެ އެންމެ މުހިންމުު އެއް ކުޅުންތެރިއާ ކަމަށްވާ ދަގަނޑޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭ ކަން ކަމަށާއި މެޗަށް ނިކުތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށެވެ.
"މެޗުގެ ކުރިން އަހަރެމެން ރާއްޖޭގެ މައުލޫމާތު އެއްކުރިން. މިރޭގެ މެޗުން ފަސޭހަ ކަމާއި އެކު މޮޅުވި އިރު އަލީ އަޝްފާގު ނެތުމުން އަހަރެމެންނަށް ވަރަށް ފަސޭހަވި. ޕްރެޝާރ ވެސް ކުޑަވި،" ރޭގެ މެޗާބެހޭގޮތުން އަބްރަހަމް ބުންޏެވެ.
އަބްރަހަމް ބުނީ މެޗުގައި އޭނާގެ ޓީމުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށާއި ނަތީޖާގެ ފަރަގު ކުޑަވުމުގައި ރާއްޖޭގެ ގޯލު ކީޕަރު މުހައްމަދު އިމްރާންގެ ރޯލު ބޮޑު ކަމަށެވެ.
"އިމްރާންގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް. އަހަރެންނަށް ބުނަން ކެރިދާނެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ ކަމަށް. މުޅި ޓީމް ހަމައަކަށް އެޅުވީ ވެސް އިމްރާން،" އަބްރަހަމް ބުންޏެވެ.
އަބްރަހަމް ބުނީ މެޗަށް ފަހު އިމްރާންގެ މޮޅު ކުޅުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާއާ ބައްދަލު ކޮށް ފައިވާ ކަމަށެވެ.
ރޭގެ މެޗުން ފަސޭހަ ކަމާ އެކު 2-0ގެ ނަތީޖާ އަކުން ޔަމަން މޮޅުވިއިރު އަބްރަހަމް ބުނީ އެ މެޗުގައި ވެސް އޭނާގެ ޓީމްގެ ފަރާތުން ވަރަށް ގިނަ ބަލިފައިތަކެއް ފެނުނު ކަމަށާއި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ގޯލް ސްކޯ ނުކުރެވުމުގެ މައްސަލަ ކަމަށެވެ.
"މި މެޗުން މި ލިބިނު ފިލާވަޅުތަކާއި އެކު ކުރިއަށް އޮތް ދެވަނަ ލެގްގެ މެޗަށް ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ. އެ މެޗު ފަސޭހައެއް ނުވާނެ. މިއަދުން ފެށިގެން އެ މެޗަށް ތައްޔާރުވުމުގެ މަސަތްކަތް ފަށާނަން،" އަބްރަހަމް ބުންޏެވެ.
ޔަމަންގައި ކުޅެންޖެހޭ ދެވަނަ ލެގްގެ މެޗު، އެގައުމުގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ގަތަރަށް ބަދަލު ކޮށްފައިވާ އިރު އެ މެޗު ކުޅެބް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ޔަމަނަށް އޭޝިއަން ކަޕަށް ކޮލިފައި ވެވޭނެ އެވެ.