ހައިރައިޒްއިން އިންތިޒާމުކޮށްގެން ނޭޝަނަލް އާޓް ގެލެރީގައި ކުރިޔަށްދާ "ފުޑް އެންޑް ބެވެރެޖެސް ޝޯ" އާ އެކު، މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީ ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ކުރިޔަށް ދާނެ ކަމަށް ހައިރައިޒްއިން ބުނެފި އެވެ.

އެފްއެންބީ ޝޯ އިއްޔެ ރަސްމީކޮށް ހުޅުވި އިރު، މި މައުރަޒު މާދަމާގެ ނިޔަލަށް ކުރިޔަށް ދާނެ އެވެ.

ހައިރައިޒްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އެފްއެންބީ ޝޯ މިއަދު ޚާއްސަ ވާނެ ކަމަށާއި، މައުރަޒު ހިނގަމުންދާ އިރު މިއަދު ހަވީރު އެސަރަހައްދުގައި ކުޑަކުދިންގެ އާއިލީ ހަވީރެއް ކުރިޔަށް ދާނެ ކަމަށެވެ.

އެގޮތުން، ލިލީ މަގާއި މެދުޒިޔާރަތް މަގާ ދެމެދު އޮންނަ ޝަހީދު ކުޑަ އާދަމްގެ ކުޑަތުއްތު ހިނގުމުގައި، ކުޑަކުދިންގެ ހަރަކާތްތައް، ހަވީރު 4:00 އިން 6:00 އަށް ކުރިޔަށް ދާނެ ކަމަށް ހައިރައިޒްއިން މައުލޫމާތު ދެ އެވެ.

ހައިރައިޒް އިން އިންތިޒާމުކޮށްގެން ބާއްވާ އެ ޝޯގައި ވަނީ ފުޑް އެންޑް ބެވަރޭޖަސްގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖުމްލަ 20 ފަރާތެއް ބައިވެރިވެފަ އެވެ.

ހައިރައިޒްގެ ޖެނެރަލް މެނޭޖަރު ހަބީބާ ހުސައިން (ހަބީ) "ސަން" އަށް ވިދާޅުވީ، އެ ޝޯ އަށް ވަންނަން އާންމުން އެއްވެސް ފީއެއް ދައްކަށް ނުޖެހޭނެ ކަމަށާއި ހުޅުވިފައި ހުންނަ ކޮންމެ ގަޑިއެއްގައި އާންމުންނަށް އެތަނަށް ގޮސް ރަހަތަށް ބަލާލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ހަބީ ވިދާޅުވީ، ޝޯ ކުރިއަށްދާ އިރު ކޮންމެ ރެޔަކު ވެސް 10:30ގައި ލަކީޑްރޯއެއް ނަގާނެ ކަމަށެވެ. އެގޮތުން ވަރަށް ބައިވަރު މީހުންނަށް ލަކީޑްރޯގައި އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިވެންޓް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަސްލު، އަޅުގަނޑުމެންނަކީ ކޮންމެ ދުވަހަކު ވެސް އެފްއެންޑްބީގެ ގިނަ ޕްރޮޑަކްޓްތަކެއް ބޭނުންކުރާ ބައެއް. އެހެންވީމަ މި ގެންގުޅޭ ޕްރޮޑަކްޓްތަކުގެ ވިޔަފާރިކުރާ ފަރާތްތައް އެއްތަނަކުން ދިމާވެ، ޕްރޮޑަކްޓްތައް އިތުރަށް މާކެޓްކޮށް، އާންމުންނަށް ވެސް މިތަކެތީގެ ރަހަތައް ބަލައިލަން ފަސޭހައިން ލިބޭނެ މި ޝޯގެ ސަބަބުން،" ހަބީ ވިދާޅުވި އެވެ.

މި މައުރަޒު މިއަދު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު، މާދަމާއަކީ މި މައުރަޒުގެ ފަހު ދުވަހެވެ. މާދަމާ މި އެގްޒިބިޝަން ކުރިޔަށް ދާނީ މެންދުރު 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 12:00 އަށެވެ.