އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޯފްގައި މިރޭ ޔަމަނާ ދެކޮޅަށް ދިވިހެ ގައުމީ ފުޓްބޯޅަ ޓީމް ކުޅުނު މެޗުގެ ތެރެއިން، ނޭވާއަށް ދިމާވި މައްސަލައަކާއި ގުޅިގެން ވަގުތުން އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ މުހައްމަދު ރަޝީދު (ހޮކޭ)ގެ ހާލު މިހާރު ރަނގަޅު ކަމަށް ގައުމީ ޓީމްގެ ފިޒިޝަން އަހުމަދު ޝަކީބު ބުނެފިއެވެ.

ޔަމަނުން މެޗުގެ 30 ވަނަ މިނެޓްގައި ގޯލެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް އޭގެ ހަ މިނެޓްފަހުން ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވެއްޓުނު ހޮކޭއަށް ނޭވާލުމަށް އުނދަގޫވެ ވަގުތުން ވަނީ އެމްބިއުލަންސްގައި އޭޑީކޭއަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

"މެޗު ތެރޭން ހޮކޭއަށް ދިމާވީ ނޭވާ ހިއްލުމުގެ މައްސަލައެއް. އެހެންވެ ވަގުތުން ހޮސްޕިޓަލަށް ގެންދަން ޖެހުނީ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅު. ސީރިއަސް އެއްވެސް މައްސަލައެއް ނެތް،" ޝަކީބް ބުންޏެވެ.

ނިއުރޭޑިއަންޓްގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ އިތުބާރު މިޑްފީލްޑަރު ހޮކޭ އޮބްޒަވޭޝަންގައި މިވަގުތު އޭޑީކޭގައި އޮތް ނަމަވެސް ޔަމަނާ ދެކޮޅަށް ކުޅޭ ދެވަނަ ލެގްގެ މެޗަށް މުޅިން ފިޓްވާނެ ކަމަށް ޝަކީބު ބުންޏެވެ.

ޔަމަނުގައި ކުޅެން ޖެހޭ ދެވަނަ ލެގުގެ މެޗު، އެގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ ބަދަލުގައި އަންނަ ބުދަ ދުވަހު ކުޅޭނީ ގަތަރު ގައެވެ.