03 Jun 2016, 10:47
ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ އިބްރާހިމް ރަޝީދު، 59، މިދިޔަ ބުދަ ދުވަހު ވެސް އުޅުނީ އޭނާގެ ރަސްމީ ވަޒީފާގަ އެވެ. އޭނާގެ ވަޒީފާއަކީ އެކި އިދާރާތަކަށް ޗެކުތައް ހުށައެޅާއި ލިޔުންތައް ބެހުމެވެ. އެހީވާގި ހިދުމަތްތެރިޔާ އެ މަސައްކަތުގައި އުޅުމުގެ ތެރެއިން ދައުލަތުގެ އިމާރާތެއްގެ ސަބަބުން މިވަނީ ބޮޑު އަނިޔާއެއް ލިބިފަ އެވެ.
މިދިޔަ ބުދަ ދުވަހުގެ 13:30 އެހާކަންހާ އިރު ހުރަވީ ބިލްޑިންގުން ކޮންކުރިޓް ގަނޑެއް ވެއްޓި އެ ކޮންކުރިޓް ގަނޑުން ޖެހުމުގެ ސަބަބުން އޭނާގެ މޭކަށިގަނޑު ބިންދައިގެންގޮސް ހަށިގަނޑުގެ އެތައް މިތަން ވަނީ ޒަހަމްވެފަ އެވެ.
އޭނާ ޒަހަމްވީ ރަސްމީ މަސައްކަތުގެ ތެރެއިން ބެންކަށް ދިއުމަށް ބައިސްކަލު ޕާކްކުރާނެ ތަނެއް ނުލިބިގެން އުޅެނިކޮށް ޖާގަ ލިބުނު ސަރަހައްދުކަމަށްވާ ހުރަވީ ބިލްޑިން ޕާކިންޒޯންގައި ބައިސްކަލް ޕާކް ކުރަން ހުއްޓަ އެވެ. ކުއްލި އަކަށް މަތިން ވެއްޓުނު ބަރު ކޮންކުރިޓްގަނޑު އަމާޒުވީ އޭނާގެ ކޮނޑަށެވެ.

އިބްރާހިމް ރަޝީދު ސަން އަށް އިންޓަވިއުދެނީ-- ސަން ފޮޓޯ: ޝަހީމް
"ބައިސްކަލު ބަހައްޓާފައި އެނބުރިލި އިރު ބަންލާފައި މަތިން އިވުނީ އަޑެއް، އެއާ އެކު އަޅުގަނޑު އޮތީ ވެއްޓިފައި، ވީ ކިއެއްކަމެއް ވެސް ނޭނގެ،.. ދެން އެތަނުގައި ހުރި ފުލުހުންގެ ދެ މީހުންނަށް ގޮވާލައިފިން، މަބުނީ މަށަށް ނުވެސް ތެދުވެވޭ ރަނގަޅަށް، އަހަންނަން ހީވަނީ އަހަރެންގެ ކޮންމެވެސް ތަނެއް ބިންދައިގެން ދިޔަހެވޭ،"
އޭނާ ޒަހަމްވުމުން އެދެ ފުލުހުން އޭނާ ޓެކްސީއަކަށްލުމަށް ފަހު އޭޑީކޭ ހޮސްޕިޓަލް ފޮނުވި އެވެ. އޭނާ ގަބޫލްކުރާ ގޮތުގައި ބޮލުގައި ނުޖެހުނުކަން އެއީ އޭނާގެ ފުރާނަ ސަލާމަތްވި ސަބަބެވެ. މިއަދު އޭނާ އަށް ދަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުންނެވެ.
އޭނާގެ ވައަތުފަރާތުގެ މެއިކަށިގަނޑު ބިންދައިގެން ގޮސްފައިވާ އިރު އިއްޔެ ވަނީ އޮޕަރޭޝަން ކޮށްފަ އެވެ. ހަށިގަނޑުގެ އެކިތަންތަން މަށައިގެން ގޮސް ބުރަކަށީގެ ބޮޑުބައެއް ދުޅަވެފައިވެ އެވެ. ބަލިއެނދުގައި އަދި އެތައް ދުވަހެއް ވަންދެން އޮންނަން ޖެހޭ އިރު އިބްރާހީމްގެ ހަށިގަނޑުގައި އަޅާވޭނުން އުޅެނީ ކެތްނުވެގެންނެވެ.
"ވަރަށް ތަދުވޭ، އަދި ނޭނގެ ކިހާދުވަހެއް ވާނެ ކަމެއްވެސް މިކަމުގައި." ވޭން ސިފަކޮށްދެމުން އިބްރާހިމް ރަޝީދު ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލުން އޭނާ އަށް ފަރުވާދެމުންދާ އިރު އެކަމަށް ހަރަދުކުރަނީ ސްޓެލްކޯގެ ފަރާތުން ކޮށްފައިވާ އިންޝުއަރެންސްއިންނާއި ސުޓެލްކޯގެ ބަޖެޓުންނެވެ. އެއީ ސްޓެލްކޯ ފަހުރުވެރިވާ މުވައްޒެފެކެވެ. ސުޓެލްކޯގެ ޑެޕިއުޓީ ޑައިރެކްޓަރު މުހައްމަދު ސަލީމް ވިދާޅުވި ގޮތުގައި އިބްރާހިމް ރަޝީދަކީ އެ އޮފީހުގައި ވަރަށް ދުވަސްވީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ފާހަގަކޮށްލެވޭ މުވައްޒަފެކެވެ.
ހުރަވީ ބިލްޑިންގުން ކޮންކުރިޓް ގަނޑެއް ވެއްޓި މަގު މައްޗަށް ބުރައިގެން ގޮސްފައި -- ސަން ފައިލް ފޮޓޯ
"އޭނާ ނެތީމަ އަހަރެމެންނަށް ވެސް ވަރަށް ދަތިކޮށްދަނީ، ވަރަށް ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފެއް އެޔަކީ." ސަލީމް ވިދާޅުވި އެވެ.
އިބްރާހިމް ރަޝީދަކީ ވިލިމާލޭގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހަކަށްވާ އިރު މިއީ އޭނާ އަށް ލިބުނު އަނިޔާއެއްގެ އިތުރުން ދިރިއުޅުމަށް ވެސް ލިބުނު ގެއްލުމެކެވެ. އަވަސް މުސްތަގުބަލެއްގައި މަސައްކަތް ކުރެވޭނެ ކަމަށް ނުބެލެވޭ އިރު އެއީ އެއާއިލާއަށް ލިބޭ ހިތާމައެކެވެ.
އިބްރާހިމް ރަޝީދު އަށް އަނިޔާވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ. އޭނާ އަށް އެވަރުގެ އަނިޔާއެއްވެފައިވާ އިރު އެކަމުގެ ޒިންމާއަދި މިހާތަނަށް އެއްވެސް އިދާރާއަކުން ނެގިކަމުގެ މައުލޫމާތު ލިބިފައެއްނުވެ އެވެ.
އިމާރާތްބާވެ ދާއިރާއިރު އަޅާނުލާ
ސަރުކާރުގެ އެތައް އިދާރާއެއް މިހާރު ވެސް ހިންގަމުންދާ ހުރަވީ ބިލްޑިން އަކީ 1980ގެ އަހަރުތަކުގެ ތެރޭގައި އިމާރާތްކޮށްފައިވާ ތަނެކެވެ. މިހާރު އިންތިހާއަށް ބާވެފައިވާ ނުރައްކާތެރި އިމާރާތެކެވެ. ވައިގަދަ ދުވަހެއްގައި ގަސްގަހުން ފަތްފައިބާ ގޮތަށް އިމާރާތުގެ ކޮންކުރިޓްތައް ވެއްޓެންވުމުން މިއީ އެކަންކަން ހަވާލުވެފައިވާ އިދާރާތަކުގެ ޒިންމާ ރަނގަޅަށް ނުނެގޭ ކަމުގެ ހެއްކެކެވެ.
އެއިމާރާތްތަކަކީ ވަކި އިދާރާތަކެއްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކަކަށްވާ އިރު އެކަންކަން އަޅާނުލައިވާ އިރު އިމާރާތްބާވެ އިމާރާތުގެ ބައިތައް އެދަނީ މަގުމައްޗަށްވެއްޓެމުންނެވެ. މިއީ ބޮޑު އިހުމާލެކެވެ.
ހުރަވީ ބިލްޑިންގުން ކޮންކުރިޓް ވެއްޓުނު ތަން--- ސަން ފައިލް ފޮޓޯ
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސެއިން ވިދާޅުވި ކުރިއަށް އޮތްތަނުގައި އެ އިމާރާތުގެ ކަންކަން ބެލުމަށް ފަހު އެ އިމާރާތުގައި ތަޅާލަން ޖެހޭ ތަނެއް ހުރި ނަމަ އެކަންކަން ބަލައި އެއިމާރާތް މަރާމާތު ކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
"އެ އިމާރާތް [ހުރަވީ ބިލްޑިން] މަރާމާތު ކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރިއަށްގެންދާނަން." ފަޒާލް ވިދާޅުވި އެވެ.
އެފަދަ އިމާރާތްތައް އަދިވެސް އެބަހުއްޓެވެ. ހުރަވީ ބިލްޑިން ކައިރި ހުންނަ ގާޒީ ބިލްޑިންގެ ހާލަތަކީ ވެސް އެއީ އެވެ. އެތައް ހާސް ބަޔަކު ކޮންމެ ގޮސް ހިދުމަތްހޯދާ ދައުލަތުގެ މުހިންމު އެތައް އިދާރާތަކެއް ހިންގާ އިމާރާތްތައް އެހާލަތައް ދިއުމަކީ މިފަދަ ގައުމެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.
ދައުލަތުގެ އިމާރާތެއްބާވެ ވެއްޓުނު ކޮންކުރިޓް ގަނޑަކުންޖެހި ދިވެއްސެއްގެ އެވަނީ ބަލި އެނދުގަ އެވެ. މަސައްކަތް ނުކުރެވޭ ހާލުގަ އެވެ. މިފަދަ ކަންކަން މިހާހިސާބަށް ނުދަނީ އިސްލާހު ކުރަންޖެހެ އެވެ. ކަމާބެހޭ އިދާރާތަކުގެ ޒިންމާ ނަގަންޖެހެ އެވެ. ޒިންމާ ނުނެގުމުގެ ސަބަބުން އަނިޔާ މިލިބެނީ ނިކަމެތި ރައްޔިތަށެވެ.