15 May 2011, 16:11
ސަރުކާރާ ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މިދިޔަ އަހަރުގެ ޖުމްލަ ފައިދާ 18 ޕަސެންޓަށް ދަށްވެ، 5.5 މިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.
އެމްޓީސީސީން މިއަދު އާންމު ކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން 428 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން އެމްޓީސީއަށް ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ ގާތްގަނޑަކަށް 79 މިލިއަން ރުފިޔާ އެވެ. އެއީ 2009 ވަނަ އަހަރު އެ ކުންފުނިން ކުރި 474 މިލިއަން ރުފިޔާގެ ވިޔަފާރިން ލިބުނު 109 މިލިއަން ރުފިޔާ އަށް ވުރެ 30 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެހެންކަމުން އެމްޓީސީސީގެ މިދިޔަ އަހަރުގެ ގުރޫޕް ފައިދާ އަށް 15 މިލިއަން ރުފިޔާގެ ގެއްލުންވެ، 2009 ވަނަ އަހަރާއި އަޅާބަލާ އިރު މިދިޔަ އަހަރު އެ ކުންފުނީގެ ފައިދާ ވަނީ 23 ޕަސެންޓުން 18 ޕަސެންޓަށް ދަށްވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ހިއްސާގެ ބާޒާރުގައި 50ރ. ގެ ފޭސްވެލިއުގައި ވިއްކާ އެ ކުންފުނީގެ ހިއްސާ ވަނީ 22ރ. އަށް ވެއްޓިފަ އެވެ.
ގިނަ ދާއިރާތަކަކުން ވިޔަފާރި ކުރަމުން އަންނަ އެމްޓީސީސީން ފައިދާ ހޯދުމަށް 20.2 މިލިއަން ރުފިޔާ ވަނީ ޖުމްލަ މިދިޔަ އަހަރު ހޭދަކޮށްފަ އެވެ. އަދި ކުންފުނީގެ ހަރަދުތައް އެކި ގޮތްގޮތުން ކުޑަކޮށްފައިވާ ކަން ފާހަގަކުރެވެ އެވެ. އެގޮތުން މާކެޓް ކުރުމުގެ ހަރަދު 31.6 މިލިއަން ރުފިޔާ އިން 10 މިލިއަން ރުފިޔާ އަށް ދަށްކޮށް ފައިވެ އެވެ. އަދި ވަރަށް ހާއްސަ ގޮތެއްގައި އިދާރީ ހަރަދުތައް 63.8 މިލިއަން ރުފިޔާ އިން 52 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައިވާކަން ފާހަގަކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން 2009 ވަނަ އަހަރު އެ ކުންފުންޏަށް 12 މިލިއަން ރުފިޔާގެ ގެއްލުންވިޔަސް މިއަހަރު އެކުންފުންޏަށް ގެއްލުންވެފައި ވަނީ 5.5 މިލިއަން ރުފިޔާއެވެ. އެ ކުންފުންޏަށް އެންމެ ބޮޑަށް ގެއްލުމެއް ވެފައި ވަނީ ބޭންކް އިންޓަރެސްޓް ހަރަދާއި ބޭރު ފައިސާގެ މުއާމަލާތްތަކުގެ ބައިންނެވެ.
މިއަހަރުގެ މާލީ ބަޔާނަށް ބަލައިލުމުން އެމްޓީސީސީގެ ރިޒާވް 152 މިލިއަން ރުފިޔާ އިން 149 މިލިއަން ރުފިޔާ އަށް މިދިޔަ އަހަރު ވަނީ ދަށަށް ގޮސްފަ އެވެ. އެކަން އެގޮތަށް ވެފައިވާ ސަބަބެ އްކަމަށް އެ ކުންފުނިން ބުނެފައި ވަނީ ކުރިން ލިބުނު ފައިދާގެ ތެރެއިން ރިޒާވްގައި ބަހައްޓާފައި ހުރި 2.5 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ޖެހުމުން ކަމަށެވެ.
އެމްޓީސީސީ އޯޑިޓް ކުރުމަށް ފަހު އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި ހަރަކާތްތެރިވި އާންސްޓް އެންޑް ޔަންގް އިން ވަނީ އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އިމާރާތްކުރުމުގެ ދާއިރާ އިން ކުރެވިފައިވާ ވިޔަފާރިތައް ހިސާބުކޮށްފައި ވަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ކަމަށްވާ 11 އައިއޭއެސް ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގެ މިންގަޑުތަކާއި އެއްގޮތަށް ނޫން ކަމަށެވެ.
އަދި އެމްޓީޑީސީ ހިއްސާވާ، އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމް)ގެ އެއް ހިއްސާދާރު އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ވަނީ އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި އެއިމް އާ ގުޅުންހުރި 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވެސް ނުލިބި މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވުމުން އެފައިސާ އަކީ ބޭޑް ޑެބްޓަކަށް ވެދާނެތީ އޮޑިޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އެމްޓީސީސީގެ ދަރަނީގެ ތެރޭގައި ސެނޮކް ޓްރޭޑް ކޮމްބައިން އަދި ކެޕިޓަލް ފައިނޭންސް ސާވިސަސް އޭޝިޔާ އަށް ދައްކަން ޖެހޭ 17.8 މިލިއަން ރުފިޔާ ހިމެނޭއިރު، އެ ހަރަދު ހިސާބުގައި ވަކިން ހިމަނާފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ސާރުކާރާއި އާންމުން ހިއްސާވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ކަމަށް އެކުންފުނިން ވަނީ އިއުލާންކޮށްފަ އެވެ.