10:00


ޒިންމާދާރު ނޫސްވެރިކަން ކުރިއެރުވުމުގެ މަގްސަދުގައި މީޑިއާތަކަށް އަމަލުކުރުން ލާޒިމްވެގެންވާ ސުލޫކީ މިންގަނޑެއް ތައާރަފްކޮށް، ސެލްފް ރެގިއުލޭޓަރީ މީޑިއާ ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ބައެއް މަދަނީ ޖަމިއްޔާތަކާއި މީޑިއާގެ ފަރާތްތައް ގުޅިގެން ކުރަމުން އެބަދެ އެވެ.


ރާއްޖޭގެ މީޑިއާ އަކީ ޒިންމާދާރު އަދި އާއްމުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށާއި ނޫސްވެރިކަމުގެ އެންމެ މަތީ ފެންވަރުގެ މިންގަނޑުތައް ދެމެހެއްޓުމަށް މަސައްކަތްކުރާނެ ފަރާތްތަކަކަށް ހެދުމުގެ މަގްސަދުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި، ޑިމޮކްރެސީ ހައުސް ގުޅިގެން 'ކޯޑް އޮފް ޕްރެކްޓިސް' ގެ ނަމުގައި އެކުލަވާލާފައިވާ ސުލޫކީ މިންގަނޑުގެ ވަގުތީ ދެލިކޮޕީއަށް އިސްލާހު ހުށަހެޅުމަށްޓަކައި އިއްޔެ ބަނޑޮހުގައި ވަނީ މީޑިއާތަކުގެ އިސްވެރިންގެ ޖަލްސާއެއް ބާއްވާފަ އެވެ.


ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޝްއޫރު ލިޔުންތެރިޔާ ސީނާ އަހްމަދު ޒާހިރު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި މަޝްވަރާކުރެވުނު ސުލޫކީ މިންގަނޑުގައި، މައިގަނޑު 8 ކަމެއްގެ މައްޗަށް އެކުލެވިގެންވާ ތަފާތު ކަންތައްތަކަކަށް އަމަލުކުރުމަށް އެ މިންގަނޑުގައި ސޮއިކުރާ މީޑިއާގެ ފަރާތްތަކަށް ލާޒިމްކުރެ އެވެ. އެ  މައިގަނޑު 8 ނުގުތާއަކީ ތެދުވެރިކަމާއެކު ރިޕޯޓްކުރުމާއި، ކުށުގެ އިސްލާހާއި މައާފަށް އެދުމާއި، ރައްދު ދިނުމަށް ފުރުސަތު ދިނުމާއި، މައުލޫމާތުދޭ ފަރާތްތައް ހިމާޔަތްކުރުމާއި، ލިޔުންތެރިކަމާއި ޚަބަރު ފެތުރުމާއި، ޒާތީ ދިރިއުޅުމާއި، ފުރައްސާރަކުރުމާއި އޮޅުވާލުމުގެ އިތުރުން ހުރުމަތެވެ.


އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މީޑިއާގެ އިސް ފަރާތްތަކުން ވަނީ 'ކޯޑް އޮފް ޕްރެކްޓިސްގެ' ދެލި ކޮޕީއަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން އެ އެ ކޯޑުގެ މަގްސަދާއި، ކޯޑުގެ ދަށުން އުފައްދަންޖެހޭ ކަމަށް ބުނާ މީޑިއާގެ ޝަކުވާތައް ބަލައި ކޮމިޝަނާއި އެޑިޓަރޒް ގިލްޑްގެ އިތުރުން ކޯޑުގެ ދަށުން މީޑިއާގެ ފަރާތްތަކަށް އަމަލުކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ބައިވެރިން ވަނީ ބޮޑެތި އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. އަދި ބައިވެރިންގެ މެދުގައި ދިގުލައިގެންދިޔަ ބަހުސްތަކަކަށްފަހު ބައެއް މާއްދާތައް އެ މިންގަނޑުން އުނިކުރައްވާފައިވާއިރު، ބައެއް މާއްދާތައް ވަނީ ސުލޫކީ މިންގަނޑަށް އިތުރުކޮށްފަ އެވެ.


މި ބައްދަލުވުމާ ގުޅޭ ގޮތުން ސަންއެފްއެމްއަށް މައުލޫމާތުދެއްވަމުން ސީނާ އަހްމަދު ވިދާޅުވެފައިވަނީ، އެއީ ވަރަށް މުހިންމު ބައްދަލުވުމެއްކަމަށާއި ނޫސްވެރިން އަމިއްލައަށް އެމީހުން އަމަލުކުރާނެ ސުލޫކީ މިންގަނޑެއް އުފެއްދުން އެއީ އެ ޖަލްސާ މުހިންމުވާ އެންމެ ބޮޑު ސަބަބުކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ނުވަތަ އެނޫންވެސް ފަރާތަކުން ކަނޑައަޅާ މިންގަނޑުތަކަކަށްވުރެ އަމިއްލަ މިންގަނޑަކުން މަސައްކަތްކުރުމުގެ ކާމިޔާބު ބޮޑުވާނެ ކަމަށް ސީނާ ޒާހިރު ވިދާޅުވި އެވެ. އަދި މިއީ ވަރަށް ރަގަޅު ފެށުމެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މީޑިއާގައި ކުރިމަތިވާ އަބުރާބެހުމުގެ ކަންތައްތަކާޢި، ހަގީގަތާ ޚިލާފު މައުލޫމާތު ފެތުރުންފަދަ ކަންތައްތަކަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.


އެމްޖޭއޭގެ މޮޑަރޭޝަންގެ ދަށުން ބަނޑޮހުގެ އިއްޔެ ހެނދުނު 10:00 އިން ފެށިގެން އިރުއޮއްސެންދެން ކުރިއަށްގެންދިޔަ އެ ބައްދަލުމުގައި ސަންއެފްއެމްގެ ފަރާތުން ސީއީއޯ ސިނާން އަލީ އަދި ސްޓޭޝަން އިންޗާޖް މުހައްމަދު ޝަހީބް ވަނީ ބައިވެރިވެވަޑައިގެން ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. ހަމައެއާއެކު، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހަވީރު ނޫހާއި ވީޓީވީ އަދި އެޓޯލް ރޭޑިއޯގެ އިސްވެރިންގެ ފަރާތުންވެސް އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އެޑިޓަރުންނަށް ޚާއްސަކޮށްގެން ބޭޢްވި މި ބައްދަލުވުމުގައި ބައެއްމީޑިއާ ސްޓޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކޮށްލެވެ އެވެ.