އިދިކޮޅު ފަރާތްތަކުން ގައުމުން ބޭރުގައި ތިއްބަވައިގެން ހިންގަވަމުން ގެންދަވާ ހަރަކާތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރު ހިންގާ ޕީޕީއެމް އިން ގޮވާލައިފި އެވެ.

އެ ޕާޓީން މިއަދު އެހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ލީޑަރަކަށް އައްޔަންކޮށް، އިދިކޮޅު އިއްތިހާދެއް އެކުލަވާލަން މިހާރު ލަންޑަނުގައި ތިއްބެވި އިދިކޮޅު ފަރާތްތަކުން ނިންމެވުމާ ގުޅިގެންނެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ، ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީއާއެކު ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ރާއްޖޭގެ މަސްލަހަތު ނަގާލުމުގެ މަގްސަދުގައި އިދިކޮޅު އިއްތިހާދެއް އުފައްދައިގެން ހަރަކާތްތެރިވުމަކީ ޕީޕީއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި ބުނެފައިވަނީ، ރައްޔިިތުންނަށް ގެއްލުންވާ ގޮތަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ގެންދާތީ އެކަމާ އެ ޕާޓީން ކަންބޮޑުވެ އެ ހަރަކާތްތައް ކުށްވެރިކުރާ ކަމަށެވެ.

ޑިމޮކްރަސީގެ ހަމަތަކާއި އުސޫލްތަކާއި އެއްގޮތަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ވާ ގޮތުގެ މަތިން ގައުމުގެ މަސްލަހަތު އިސްކޮށް، އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަށް އެ ޕާޓީން މަރުހަބާ ކިޔާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް، ވަކި ބައެއްގެ ޒާތީ މަގްސަދު ހާސިލްކުރުމަށް ހިންގާ ހަރަކާތްތަކަކީ ޑިމޮކްރަސީގެ ރޫހާ ހިލާފު ކަމެއް ކަމަށާއި އެ ހަރަކާތްތައް ހުއްޓާލައި ރާއްޖެ ވަޑައިގަތް ގައުމުގައި ތިއްބަވައިގެން ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.