ދ. ކުޑަހުވަދޫއާއި ރ. ދުވާފަރު އަދި ލ. ގަމުގެ މަތިމަރަދޫ އާއި ތުނޑި އަވަށަށް ދިރާގުގެ 4ޖީ ޚިދުމަތް ތައާރަފުކޮށްފި އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިބްރަހިމް އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ، ދިރާގު 4ޖީ ޚިދުމަތް ތައާރަފު ކުރި ތިން ރަށަކީ ވެސް، ދިރާގުގެ 3ޖީ ޚިދުމަތް ބޭނުންކުރާ، ކަސްޓަމަރުން ގިނަ އަދަދަކަށް އުޅޭ ރަށްތަކެއް ކަމަށެވެ. އިމްޖާދު ވިދާޅުވީ 4ޖީގެ ޚިދުމަތް ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ފުޅާކުރުމުގެ މަސައްކަތް ކުރުމަށް ދިރާގުން ރާވާފައިވާ ކަމަށެވެ.

އިމްޖާދު ވިދާޅުވީ، ހަލުއި ސްޕީޑުގައި އިންޓަނެޓް ލިބުމަކީ ހުރިހާ މުއައްސަސާތަކާއި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް ލުއި ފަސޭހަކަމެއް ލިބޭނެ ކަމެއް ކަމަށާއި މިއީ ރަށްރަށުގެ ކުރިއެރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

ދިރާގު 4ޖީ ނެޓްވޯކަކީ، ދިރާގުން ބުނާ ގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު 4ޖީ ނެޓްވޯކެވެ. މާލެ ސިޓީ އަދި ކ. އަތޮޅު ފިޔަވައި މީހުން ގިނައިން ދިރިއުޅޭ އެހެން ސަރަހައްދުތަކަށް ވެސް ދިރާގުން އެ ޚިދުމަތް ފޯރުކޮށްދޭ ކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޅ. ހިންނަވަރު، ގއ. ވިލިނގިލި، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ދިރާގުން 4ޖީ ޚިދުމަތް ފޯރުކޮށްދެ އެވެ.