އިސްރާއީލުގެ ޖަލެއް ފުރިގެން އެ ޖަލުގައި ހައްޔަރުކޮށްފައި ހުރި ފަލަސްތީނުގެ މަޖިލިސް މެމްބަރަކު މިނިވަން ކުރަން ނިންމާފައިވާ ކަމަށް ފަލަސްތީން އަދި އިސްރާއީލުގެ މަސްދަރުތަކުން ބުނެފި އެވެ.

ޚާލިދާ ޖައްރާރު މިނިވަން ކުރާނީ، ހުޅަނގު އައްސޭރީގައި އޮންނަ ތުލްކާމް ނަމަކަށް ކިޔާ ސިޓީގައި ހުންނަ ޖުބާރާ ޗެކްޕޮއިންޓުން، މިއަދުގެ ވަގުތެއްގައި ކަމަށް އިސްރާއީލުގެ ޕްރިޒަން ސާވިސް އަދި ފަލަސްތީނިއަން ޕްރިޒަނާސް ކުލަބުން ބުނެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހައްޔަރުކޮށް ޖަލަށްލި، ޖައްރާރަކީ އިސްރާއީލުގެ ޕޮޕިއުލާ ފުރަންޓް ފޮ ދަ ލިބަރޭޝަން އޮފް ފަލަސްތީން (ޕީއެފްއެލްޕީ) ގެ ސީނިއާ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަލަސްތީނުގައި މަޝްހޫރު ސިޔާސީ ބޭފުޅެކެވެ.

އިސްރާއީލުގެ ސަރުކާރުން ޕީއެފްއެލްޕީ ދެކެނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. އަދި ޖައްރާރު ހައްޔަރުކުރުމަށްފަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އޭނާ ހައްޔަރުކުރީ ސަލާމަތަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި ފެންނާތީ ކަމަށެވެ.

އިސްރާއީލުގެ ކޯޓަކުން އޭނާ 15 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ، އިސްރާއީލާ ދެކޮޅަށް ހަމަލާ ދިނުމަށް ބާރު އަޅައި ދަތުރުކުރުން މަނާކޮށްފައިވަނިކޮށް އެކަމާ ހިލާފު ވުމުގެ ކުށުގައެވެ.

އިސްރާއީލުގެ ޕްރިޒަން ސާވިސްގެ ތަރުޖަމާން ވިދާޅުވީ، ހުކުމް ކުރި މުއްދަތަށް ވުރެ ކުރިން ޖައްރާރު މިނިވަން ކުރަންޖެހުނީ، އޭނާ ހައްޔަރުކޮށްފައިހުރި ޖަލު ފުރިގެން ކަމަށެވެ.

ޖައްރާރު މިނިވަން ކުރި ނަމަވެސް، އިސްރާއީލުގެ ޖަލުތަކުގައި އަދިވެސް ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ ހަ މެމްބަރަކު އެބަ ތިބި ކަމަށް ފަލަސްތީނުގެ ޕްރިޒަނާސް ކުލަބުން ބުނެއެވެ.