ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކުރި މަސައްކަތުގެ އެންމެ އަޑީގައި ހުރީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަމަށް ކްރިމިނަލް ކޯޓުގައި މިރޭ ހެކިބަސް ދިން ސިއްރު ހެކިވެރިޔަކު ބުނެފި އެވެ.

އެ ހެކިވެރިޔާ އެގޮތަށް ހެކިބަސްދީފައި ވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ އާއި އިތުރު ދައުވާތަކާ ގުޅިގެން މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

މިރޭ ސިއްރުން ހެކިބަސް ދިން ފުރަތަމަ ފުލުސް މީހާ ބުނީ 6 ފެބްރުއަރީ 2016 ވަނަ ދުވަހުގެ ރޭ ދަންވަރު ޑރ. ޖަމީލް އޭނާ އަށް ގުޅުއްވައި "އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަތަކުގައި ރައީސް ޔާމީން ދަނީ ލޫޓުވަމުން" ކަމަށް ވިދާޅުވި އެވެ. އަދި އެއަށްފަހު އެމްޑީޕީ މީހުން އެމަނިކުފާނަށް އިތުބާރު ކުރާ ކަމަށް ޖަމީލް ވިދާޅުވި ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.

ހެކިބަސް ދެމުން ފުލުސް މީހާ ބުނީ ކަޅުތުއްކަލާ ކޮށީގެ ބިއްދޮށަށް ގޮސް ކުރީގެ ޕީޖީ މުހުތާޒާ ބައްދަލުކުރަން ޖަމީލް އެދިވަޑައިގަތް ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވިފަދައިން އެ ސަރަހައްދަށް ދިޔައިރު މުހުތާޒާ ބައްދަލުވި ކަމަށް ވެސް އޭނާ ބުންޏެވެ.

އެއަށްފަހު މާމިގިއްޔަށް ދަތުރުކުރި ގޮތް އެ ފުލުސް މީހާ ކިޔައިދިނެވެ.

"އަޅުގަނޑާ މުހުތާޒު މުހުސިނާއި އިތުރު ބަޔަކު ލޯންޗަށް އެރީ. ފުރަތަމަ ބުނީ މާފުއްޓާ ދިމާލަށޭ މިދަނީ. ފުރައިގެން މެދެއްހާ ހިސާބަށް ދިޔައިރު މުހުތާޒު ބުނީ މާމިގިއްޔަށޭ މިދަނީ،" ހެކިބަސްދިން މީހާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި މާމިގިއްޔައް ވަޑައިގަތްގޮތަށް އެންމެ ފުރަތަމަ މުހުތާޒު ވަޑައިގަތީ އެރަށު ކޯޓަށެވެ. އަދި އެތަނުން އެ ކޯޓުގެ މެޖިސްޓްރޭޓް ނިހާނާ ބައްދަލުވި ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

"އަޅުގަނޑު މާމިގިލީ ކޯޓަށް ވަނީމަ ބުނީ އިހަށް ބޭރުގަ މަޑުކޮށްލާށޭ. ދެން އިރުކޮޅަކުން ކޯޓު އަމުރަށް ބޭނުންވާ މައުލޫމާތު ބޭނުންވާ ވާހަކަ މުހުތާޒު މުހުސިން އަޅުގަނޑު ގާތު ބުނި،" އޭނާ ބުންޏެވެ.

މުހުތާޒު އެދުނީ ސީރިއަލް ނަންބަރެއް ހޯދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ. ސިއްރުން ހެކިބަސް ދިން އެ ފުލުސް މީހާ އެހެން ބުނެފައިވާއިރު، ހެކިބަސް ދެމުން ހިތަދޫ ޕޮލިސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެއް ކަމުގައިވާ މިއާޒު މުހައްމަދު ބުނީ ސިއްރުން ހެކިބަސްދިން އެ ފުލުސް މީހާއަށް އޭނާ ފޭކު ސީރިއަލް ނަންބަރެއް ދީފައިވާނެ ކަމަށެވެ.

ދެވަނަ އަށް ހެކިބަސްދިން މީހާ ބުނީ ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސް ޔާމީން ހައްޔަރުކުރުމުގެ އަޑީގައި ހުރީ ޑރ. ޖަމީލް ކަމަށާއި އެކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

ސިއްރުން ހެކިބަސްދިން ހުރިހާ އެސްއޯ ފުލުހުން ވެސް ބުނީ އެމީހުން މުހުތާޒާ އެކު މާމިގިއްޔަށް ދިޔަ ކަމަށާއި އެމީހުން ދިޔައީ ފުލުހުން ހިންގާ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގެ ދަށުން އެމީހުން ދިޔައީ އެސްއޯގެ ކޮމާންޑަރު ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު މުސްލިމަށް މައުލޫމާތު ފޯރުކޮށްދެމުން ކަމަށް އެ ދެ މީހުން ބުންޏެވެ.

މިރޭ ހެކިބަސް ދެއްވަމުން މުސްލިމް ވެސް ވިދާޅުވީ އެ ފުލުސް މީހުން ދިޔައީ އެ އޮޕަރޭޝަންގެ މައުލޫމާތު ބަރާބަރަށް އޭނާ އަށް ފޯރުކޮށްދެމުން ކަމަށެވެ. ނަމަވެސް އެކަމުގައި އެންމެ އަޑީގައި ހުރީ ޑރ. ޖަމީލް ކަމާއި އަދި އަކުރަމް އެކަމުގައި ބައިވެރިވާކަން މުސްލިމަށް އެނގިވަޑައިގެންފައި ނެތްކަން މިރޭ އޭނާ ދެއްވި ހެކިބަހުން ސާފުކޮށް އެނގެއެވެ. ހަމައެހެންމެ މުސްލިމްގެ މަތިން އޯޑަރު ކުރަން ހުރި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް ހަމްދޫން ރަޝީދަށް ވެސް ޑރ. ޖަމީލާއި އަކުރަމް އެކަމުގައި އުޅޭކަން އެނގިވަޑައިގެންފައި ނެތްކަން އޭނާ ދެއްވި ހެކިބަހުން ސާފުކޮށް އެނގެ އެވެ.

މުހުތާޒާއި ނިހާންގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މުސްލިމް އާއި ހަމްދޫން ވިދާޅުވީ އެކަމުގައި އެންމެ އިސްކޮށް އުޅެނީ މުހުތާޒު ކަމަށެވެ.

ދައުލަތުން ކުރި ދައުވާގެ އެންމެ ބޮޑު ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައި ވަނީ މާމިގިލީ ކޯޓު ތެރޭގައި އެ ކޯޓުގެ ލެޕްޓޮޕް ކައިރީ ތިބެ މުހުތާޒު އީމެއިލް އެޑްރެހާއި އެއަށް ވަންނަ ޕާސްވޯޑު ދިނުމުން އެ އީމެއިލަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ފައިލެއް ޑައުންލޯޑްކޮށް އެއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް ގ. ކެރެނީގެ ހުންނަ ގޯޅީގައި ހުރި ސައިކަލެއްގެ މަތީގައި އެ އަމުރު ބާއްވައި ރައީސް ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރު ކުރަން އުޅެފައިވާ ކަމުގެ ތުހުމަތެވެ.

ސައްޙަ ނޫން ކޯޓު އަމުރު ތައްޔާރު ކުރިކަން ސާބިތުކުރަން ހުށަހެޅީ މާމިގިލީ ކޯޓުގެ ލެޕްޓޮޕްގެ ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ އެކްސްޕާޓެވެ.

މިރޭ ހެކިބަސް ދެމުން އޭނާ ބުނީ "މާފުށީ އަމުރު" މިނަމުގައިވާ މައިކްރޯސޮފްޓް ވޯޑް ފައިލެއް ޑައުންލޯޑުކުރިކަން އެރިޕޯޓު ހެދިއިރު އެނގުނު ކަމަށެވެ.

ނަމަވެސް އެ ލިޔުމަށް ބަދަލުގެނެސް އެހެން އީމެއިލް އެޑްރެހަކަށް ފޮނުވާފައިވާކަން އެނގެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. މާމިގިލީ ކޯޓުން އަމުރެއް ތައްޔާރުކޮށް ޕްރިންޓު ކުރިކަން ވެސް އެނގެން ނެތް ކަމަށް އޭނާ ބުންޏެވެ.

މުހުތާޒު ތަކުރާރުކޮށް ކުރެއްވި ސުވާލުތަކަށް ދިން ޖަވާބުގައި އޭނާ ބުނީ މާމިގިލީ ކޯޓުގެ ލެޕްޓޮޕުން، މާފުށީ ކޯޓުގެ ގާޒީގެ ސޮޔެއް ވެސް އަދި އެ ކޯޓުގެ ތައްގަނޑާއި ލެޓާ ހެޑެއް ވެސް ފެންނަން ނެތް ކަމަށެވެ.

ސިއްރުން ހެކިބަސް ދިން ފުލުސް މީހަކު ބުނީ ކެނެރީގެ ކައިރިއަށް އޭނާ ދިޔުމުން އެތަނުގައި ހުރި ސިރާޖު ނަކަމަށްކިޔާ ނުދަންނަ މީހަކު ބޮލުން އިޝާރާތްކޮށް ސައިކަލެއްގެ މަތީގައި އޮތް ސިޓީއުރައެއް އޭނާ އަށް ދެއްކި ކަމަށެވެ. އެއީ ސައްޙަ ނޫން ކޯޓު އަމުރެއް ކަމަށާއި އެ އަމުރު ގޮސް ފުލުހުންނާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ.

މިރޭ ހެކިބަސް ދެއްވި ޗީފް އިނިސްޕެކްޓަރު ހަމްދޫން ވިދާޅުވީ ސިޓީއުރަ ލިބުމުން ކަނޑައި ބެލިއިރު މާފުށީ ކޯޓުގެ ނަމުގައި އެ ކޯޓުގެ ތައްގަނޑާއި ސޮޔެއް ކޮށްފައިވާ އަމުރެއް އޭގައި އޮތް ކަމަށެވެ. އަދި އެ އަމުރުގައި ތައްގަނޑު އިނީ އަސްލު އިންނަންވާގޮތަށް ނޫން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.

ހެކިބަސް ދިން އެއްވެސް ސިއްރު ހެއްކަކަށް މުހުތާޒާއި ނިހާން ކޯޓު އަމުރެއް ތައްޔާރު ކުރެއްވި ކަމެއް އެނގިފައެއް ނުވެއެވެ. ހަމައެކަނި އެމީހުން ބުނަނަނީ މާމިގިލީ ކޯޓު ތެރޭގައި އެ ކޯޓު ލެޕްޓޮޕް ހުޅުވައިގެން ދެ ބޭފުޅުން ތިއްބެވި ކަމަށެވެ.

މިރޭ އެންމެފަހުން ސިއްރުން ހެކިބަސްދިން މީހާ ބުނީ މާމިގިލިން ކޯޓު އަމުރު ނެރެވެން ނެތް ކަމަށް މުހުތާޒު ވިދާޅުވި ކަމަށެވެ. އަދި އެ އަމުރު ނެރެވޭނީ މާލޭގެ ކޯޓަކުން ކަމަށް މުހުތާޒު ވިދާޅުވި ކަމަށް ވެސް ހެކިބަސްދިން މީހާ ބުންޏެވެ.

މާލޭގެ ކޯޓުތަކޭ ހެކިވެރިޔާ އެ ބުނީ ކްރިމިނަލް ކޯޓު ވެސް ހިމެނޭގޮތަށްތޯ މައްސަލަ ބައްލަވާ ގާޒީ ސުވާލުކުރުމުން އޭނާ ބުނީ އާނއެކޭ އެވެ. ނަމަވެސް ބާރީ ވިދާޅުވީ އެފަދަ އަމުރެއް ކްރިމިނަލް ކޯޓުން ނުނެރޭ ކަމަށެވެ.

ގިނަ ހެކިންތަކެއް ދައުލަތުން ހުށަހެޅި އިރު، އެއްވެސް ހެއްކެއްގެ ހެކިބަހުން މުހުތާޒާއި ނިހާން ސައްޙަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރެއްވިކަން އެނގެން ނެތެވެ.

މާމިގިލީ ކޯޓަށް ވަދެވަޑައިގަތުމަށް 6 ފެބްރުއަރީ 2016 ވަނަ ދުވަހުގެ ރޭ ނިހާން އެ ކޯޓުގެ ތަޅުދަނޑި ހޯދިގޮތް ވެސް ކޯޓުގެ މުވައްޒަފުން މިރޭ ވަނީ ކިޔައިދީފަ އެވެ. އަދި މުހުތާޒާއި ނިހާން އެރޭ ދަންވަރު މާމިގިލީ ކޯޓު ކައިރީ އުޅުނު ކަމަށް ބުނެ އެރަށު ބައެއް މީހުން ވަނީ ހެކިބަސް ދީފަ އެވެ.

އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުން އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ އެވެ.