15 May 2011, 16:03
އަރަބިއްޔާގެ ދަރިވަރުން ވަގުތީ ގޮތުން ކިޔަވަމުންދާ ކުރީގެ އެމްއީއެސް އަދި މިހާރުގެ މަންދު ކޮލެޖުގައި އެ ސްކޫލްގެ ދަރިވަރުންނަށް ޖާގައިގެ ދަތިކަން ކުރިމަތިވެ، އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިކޮށްގެން ކިޔަވައިދޭތީ ބައެއް ބެލެނެވެރިން އެކަމާ ކަންބޮޑުވެ، އަންހެން ކުދިން ސްކޫލަށް ނުފޮނުވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އައިޝަތު އަޒިމާ ޝަކޫރު މަދަނީ ކޯޓްގެ ޝަރީއަތުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އަރަބިއްޔާގެ ދަރިވަރުންނަށް ލިބެން ޖެހޭ އަސާސީ ހައްގުތަކުން އެ ކުދިން މަހުރޫމްވެ، މަދަނީ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ބުނެ، އަރަބިއްޔާގެ ސްކޫލް ބޯޑުގެ ބައެއް މެންބަރުންނާއި ބެލެނިވެރިން ސިވިލް ކޯޓްގައި ކުރާ ދައުވާގެ ޝަރީއަތުގައި އާޒިމާ މިއަދު ވިދާޅުވީ މަންދު ކޮލެޖްގައި ވަގުތީ ގޮތުން އަރަބިއްޔާ ދަރިވަރުން ތިބެން ޖެހުމުން އެ ކުދިންނަށް ލިބެން ޖެހޭ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމުން އެ ދަރިވަރުން މަހުރޫމް ވަމުންދާ ކަމަށެވެ. އެ ގޮތުން އަރަބިއްޔާ ސްކޫލްގެ ބައެއް ކްލާސްތަކުގައި 40 ދަރިވަރުނާ އެކު، އަންހެން ފިރިހެން "މިކްސް"ކޮށްގެން ކިޔަވަދިދޭން ޖެހުމުން މަތީ ގްރޭޑްތަކުގެ ދަރިވަރުންގެ ބެލެނެވެރިން އަންހެން ކުދިން ސްކޫލަށް ފޮނުވުމަށް ޖެހިލުންވެ، ބައެއް ދަރިވަރުން ސްކޫލަށް ހަމައެކަނި ފޮނުވަނީ އިމްތިހާނުތަކަށް އެކަނި ކަމަށް އާޒިމާ ވިދާޅުވި އެވެ.
ސްކޫލް ހިންގުމުގައި ދައުލަތުގެ ފަރާތުން ޒިންމާވާން ޖެހޭ ކަންތަތައްކުގައި އިހްމާލު ވުމުން ސަރުކާރުގެ އެހެނިހެން ސްކޫލްތަކާއި އަރަބިއްޔާ ސްކޫލާ ދެމެދު ތަފާތު ކުރުންތަކެއް އެބަހުރި ކަމަށް އިޝާރާތް ކުރައްވައި އާޒިމާ ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ގާލް ގައިޑް އާއި ސްކައުޓް ފަދަ އިތުރު ހަރަކާތްތައް އެކަށޭނަ ގޮތުގައި ހިންގުމުގެ ފުރުސަތު އަދަބިއްޔާގައި ނެތް ކަމަށް ވަކީލާ ވިދާޅުވި އެވެ.
ސްކޫލްގެ ޕްރިންސިޕަލާއި އެސިސްޓެންޓް ޕްރިންސިޕަލްގެ އިތުރުން މުވައްޒަފުންނަށް މަސައްކަތް ކުރެވެނޭ މާހައުލެއް މަންދު ކޮލެޖްގައި ގާއިމް ކުރެވިފައިވާ ކަމަށް ދައުލަތުން ކޯޓްގައި ބުނެފައި ވާތީ އެކަމަށް ރައްދުދެއްވައި މިއަދުގެ ޝަރީއަތުގައި ސްކޫލްގެ ބޯޑުގެ ނައިބު ރައީސް އަހުމަދު އަބްދުﷲ ސައީދު ވިދާޅުވީ ސްކޫލްގެ ޕްރިންސިޕަލާއި އެސިސްޓެންޓް ޕްރިންސިޕަލް މަސައްކަތް ކުރައްވަމުން ގެންދަނީ 6 ފޫޓް 12 ފޫޓްގެ ކުޑަ ގޮޅިއެއްގައި ކަމަށެވެ. އަދި އެތާންގެ ތެރޭގައި ފަރުނީޗަރާއި ލިޔެކިޔުންތަކާ އެކު، އެ ދެ ބޭފުޅުން އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލްގެ ދަރިވަރުންނަށް ލިބެން ޖެހޭ ލެބޯޓަރީތަކުގެ ހިދުމަތް ނުލިބޭ ކަމަށް ވިދާޅުވެ، އަހުމަދު އަބްދުﷲ ސައިދު ވިދާޅުވީ ސްކޫލްގައި ބައިލޮޖީ ލެބަކާއި ފިޒިކްސް ލެބޯޓްރީއެއްގެ ހިދުމަތް ދަރިވަރުންނަށް ނުލިބޭ ކަމަށެވެ. އަދި ހަމައެކަނި ލިބެނީ ކެމިނިސްޓްރީ ލެބޯޓްރީގެ ހިދުމަތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް އަސާސީ ހިދުމަތްތަކުގެ ތެރެއިން ހަށިގަނޑުގެ ތަރުބިއްޔަތު ކުރިއެރުމަށް ލިބެން ޖެހޭ ވަސީލަތްތައް ވެސް މަންދު ކޮލެޖުން ލިބެން ނެތް ކަމަށް އަހުމަދު އަބްދުﷲ ސައީދުގެ މިއަދުގެ ޝަރީއަތުގައި ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތް ނިންމާލީ ދައުވާ ކުރާ ފަރާތުން ޝަރީއަތައް ސާބިތުކޮށްދިނުމަށް ބޭނުންވާ ކަންތައްތަކަށް ހެކިން ހުށަހެޅުމަށް ފުރުސަތު ދެމުންނެވެ. އާޒިމާ ވިދާޅުވީ ސްކޫލްގެ ފަސް މުވައްޒަފަކު ދެން އޮންނަ އަޑު އެހުމެއްގައި ސްކޫލްގެ ހާލަތާ ބެހޭ ގޮތުން ޝަރީއަތުގައި ހެކިބަސްދޭނެ ކަމަށެވެ.