02 Jun 2016, 20:35
މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަ ހަދިޔާތަކެއް ތައާރަފު ކޮށްފި އެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މި އަހަރު ޖުމްލަ ހަތް ކަމެއް އެކުންފުނިން ތައާރަފު ކުރާނެ އެވެ.
ފުރަތަމަ ތައާރަފުކުރި ކަމަކީ ދިރާގު "ރޯދަ ބޮޑު ހަދިޔާ" އެވެ. މި ހަދިޔާ ދެވެނީ ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު، ދިރާގުގެ އެއް ކަސްޓަމަރަކަށެވެ. ބައިވެރިވުމުގެ ޝަރުތަކީ، ދިރާގުގެ މޯބައިލް، ޓަޗްނެޓު، ފިކްސްޑް ލައިން ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަކަށް ވުމެވެ. ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު، ރީފްސައިޑުން ހުށަހަޅާ ލްޖީ ބްރޭންޑުގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޓްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރަކާއި، ވަޔަލެސް ހައި އެންޑް ސްޕީކަރެއް އަދި ސަޕްރައިޒް ގިފްޓް ހެމްޕާއެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ހަފްތާއަކު ވެސް ދޭ އިނާމުތަކުގެ އަގު، 50،000 ރުފިޔާއަށް ވުރެ ބޮޑުވާނެ އެވެ.
ދެވަނައަށް ތައާރަފުކުރި ޚިދުމަތަކީ، 50 ޕަސަންޓު އިތުުރު ޑޭޓާ އެލަވަންސް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ދޭ ޚިދުމަތެވެ. މި ރަމަޟާން މަހު ދިރާގުގެ ހުރިހަ މޯބައިލް އިންޓަނެޓު އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން، އެ ކަސްޓަމަރަކު ގެންގުޅޭ ޑޭޓާ ޕެކޭޖުގެ 50 ޕަސަންޓު އިތުރު އެލަވަންސް، ޖޫން އެއްވަނަ ދުވަހުން ފެށިގެން ލިބޭނެ އެވެ. ޕްރީޕެއިޑް ކަސްޓަމަރުން އެޑް-އޮން ޑޭޓާ ޕެކޭޖުތަކާއި، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް ޕްލޭނުގެ ދަށުން ލިބޭ ޑޭޓާ އެލަވަންސާއި، ފިކްސްޑް ބްރޯޑްބޭންޑުން ވެސް ލިބޭ ޑޭޓާ އެލަވަންސްގެ 50 ޕަސަންޓު ޑޭޓާ އިތުރަށް، ހިލޭ ލިބޭނެ އެވެ. މި ހިލޭ ޑޭޓާގެ ވެލިޑިޓީއަކީ، ލިބޭ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެވެ.
ތިންވަނައަށް ދިރާގުން ތައާރަފުކުރި ޚިދުމަތަކީ ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ދިރާގު ނަމްބަރުތަކަށް މުޅިން ހިލޭ ކޯލް ކުރެވޭ ޚިދުމަތެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް "އެފްއެފް" ޖެހުމަށްފަހު 343 އަށް އެސްއެމްއެސްއެއް ކުރުމުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ރޯދަ މަހުގެ ކޮންމެ ހުކުރު ދުވަހަކު، ދިރާގުގެ ކޮންމެ ނަމްބަރަކަށް ވެސް ހިލޭ ގުޅާލެވޭނެ އެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް މި ޚިދުމަތް ލިބޭނީ، ހަފްތާ ތެރޭގައި 50 ރުފިޔާ ބޭނުންކުރުމަށް ފަހު، ދެން އެންމެ އަވަހަށް އަންނަ ހުކުރު ދުވަހަކު އެވެ.
މީގެ އިތުރުން، ދިރާގުން ވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު، ކޮންމެވެސް އެއް ނަސީބުވެރިއަކަށް އިތުރު ފަސް މީހުންނާ އެކު، ހުޅުލެ އައިލެންޑް ހޮޓެލުން ރޯދަ ވީއްލުމެއް ބޭއްވޭ ޕްރޮމޯޝަނެއް ފަށައިފަ އެވެ. Iftar މިހެން ޖެހުމަށް ފަހު 500 އަށް މެސެޖު ކުރުމުން މި ޕްރޮމޯޝަނުގެ ގުރުއަތުލުމުގައި ބައިވެރިވެވޭނެ އެވެ. ރޯދަ ވީއްލުން އޮންނާނީ ރޯދަ މަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގަ އެވެ.
މިއީ ދިރާގުން މާތް މަގްސަދެއްގައި ހިންގާ ޕްރޮމޯޝަނެއް ކަމަށް އެކުންފުނިން ބުނެ އެވެ. އެގޮތުން، ހުޅުލެ އައިލެންޑް ހޮޓެލުން ރޯދަ ވީއްލުން ހޯދުމަށް ކުރާ ކޮންމެ އެސްއެމްއެސްއަކަށް އެއް ރުފިޔާ ޗާޖު ކުރާ އިރު، އެ ރުފިޔާ ދާނީ، ދިރާގުން އީދު ހަދިޔާއެއްގެ ގޮތުގައި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. މި ޕްރޮމޯޝަނަށް ކުރާ ކޮންމެ މެސެޖަކަށް ޗާޖު ކުރެވޭ ހުރިހާ ފައިސާއެއް، ގުރައިދޫ މަރުކަޒަށް ދިރާގުން ދޭނެ އެވެ.
މީގެ އިތުރުން، ރަމާޟާން މަހު ސައުދީ އަރަބިއްޔާއަށް ގުޅުމަށް އަގުހެޔޮ އައިޑީޑީ ރޭޓެއް ދިރާގުން ތައާރަފު ކޮށްފައި ވެ އެވެ. އެގޮތުން، ދިރާގުން ސައުދީއަށް ގުޅާ ކޯލުތަކަށް ޗާޖު ކުރާނީ ކޮންމެ ފަސް މިނިޓަށް 1.89 ރުފިޔާ އެވެ.
އަދި ހަމަ އެއާ އެކު، ކޮންމެ އަހަރަކު ވެސް ދިރާގު އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމުގެ ޚިދުމަތް މި އަހަރުވެސް އެކުންފުނިން ތައާރަފު ކޮށްފައިވެ އެވެ. #8*123* ޖެހުމުން، ފިތުރު ޒަކާތުގެ ރޭޓުތައް ފެންނަ މެނޫއެއް ފެންނާނެ އެވެ.
އަދި ދިރާގުން ކޮންމެ އަހަރަކު ވެސް ދޭ، ނަމާދު ވަގުތުގެ 15 މިނިޓު ކުރިން އެލާޓް ޮފޮނުވާ ޚިދުމަތް ވެސް ހިލޭ ފޯރުކޮށްދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.